ހިތުގެ ވެރިޔާ (9)

ދަރިފުޅު ހާސްނުވޭ. މަންމަމެންނަކީ ދުވަހަކުވެސް ދަރިންގެ ހަޔާތަށް އަންނަ ކުދިންނަށް ފާޑު ކިޔާ ބައެއް ނޫން. އަފޫ އަދި މާޒިން އިނދެގެން އަންނަ ކުދިންނެކޭ ރޭޝްމާ އަދި ޝިބާއެކޭ އެއްވެސް ތަފާތެއް ނުކުރާނަން. މަންމަމެން މިހާރު ބޭނުންވަނީ ތި ދެ ފިރިހެން ދަރިން މީހުންނާއި އިންނަން" ވަލީދާ ހިނިތުންވެލިއެވެ.

"އެންމެ ފުރަތަމަ އެކަން ކުރާނީ މާޒިން ކަންނޭނގެ. މާޒިން ބުނެދީބަލަ ނިކަން ހުސްނާގެ ވާހަކަ. އެއްކަލަ ހުސްނާ. ފްލައިޓް މަތިން ދިމާވެގެން މިކޮޅަށް އައިސް ހިތާހިތުގެ ގުޅުމެއް އުފެދުނު ހުސްނާގެ ވާހަކަ. މިއަދު ދަތުރު ގޮސް ގަސްތަކުން މާ ހުސްވަންދެން މާ ފޮޅުވަން މަސައްކަތް ކުރި ހުސްނާގެ ވާހަކަ" އަފްޒަލްވެސް މާޒިން ބައްދާލީއެވެ.
"ކޮން ހުސްނާއެއް؟" ރޭޝްމާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

"ހުސްނާއޭ؟ ބްރޯ! ދެން ތިހެން ހަދާކަށް ނުވާނެއެއްނު" މާޒިން މަޑުމަޑުން ގޮސް އަނބުރާ ގޮނޑީގައި އިށީނދެ ކާން ފެށިއެވެ. އަނގައިން އިތުރަށް އެއްވެސް ބަހެއް ބުނުމެއް ނެތިއެވެ.

***

ޖިއާން ކައިގެންވަދެ އޮށޯތީ ނިދާށެވެ. ދަތުރުގޮސް އުޅުމުން އެކަމުގެ ވަރުބަލިކަންވެސް އިހްސާސްކުރެވެނީއެވެ. ހީވަނީ ބަލިވާން އުޅޭހެންނެވެ. ކުރެވެނީ އެފަދަ އިހުސާސެކެވެ. ހުންއަންނަން އުޅޭހެން ހީވަނީއެވެ. އެހެން ކަމުން ޕެނަޑޯލް ގުޅައެއް ކާލައިގެން އޮށޯތީއެވެ. މާގިނަ އިރުތަކެއް ޖިއާންއަށް ނިދިއްޖެއެވެ. ނަމަވެސް ނިދުނު ވަގުތު ހިތަށް ވެރިވެގެން ދިޔައީ ނުތަނަވަސްކަމެވެ.

ޖިއާންއަށް ހުރެވުނީ އަނދިރި މަގެއްގައެވެ. ޖެހެމުންދަނީ ބާރު ވައިރޯޅިތަކެވެ. ގައިމުވެސް މެންދަންވެދާނެއެވެ. އިވެނީ ސޫފާސޫފި ގޮވާ އަޑެވެ. ޖިއާން ބައިސްކަލުގައި ހަރުކޮށްފައިން ހުރި ބައްތި ދިއްލާލިއެވެ. މަޑުމަޑުން ބައިސްކަލަށް އަރާ ދުއްވަން ފެށިއެވެ. އެއްވެސް މިސްރާބެއް ނެތިއެވެ. ދުއްވާ ދުއްވާ ވަރުބަލިވެއްޖެއެވެ. ހީވަނީ އަބަދުވެސް އެއްތަނެއްގައި ދުއްވޭ ހެންނެވެ. ހީވަނީ ފަހަތުން މީހަކު އަންނަހެންނެވެ. ހީވަނީ ކުއްލިއަކަށް މީހަކު ހަޅޭއްލައި ގަންނަ އަޑުއިވިދާނެ ހެންނެވެ.

ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ހުރެވުނީ ކޮންތާކުކަމެއް ނޭނގިގެން އުޅެނިކޮށް ކުރިން ފެނިފައި ނުވާ މަގަކަށް އާދެވުނެވެ. މަގު ނިމެނީ ސަހަރާއަކަށެވެ. އެ ސަހަރާގެ ބިއްދޮށުން ގެތަކެއްގެ އަލި ފެންނަން ހުއްޓެވެ. އެ ނޫން އެހެން އެއްވެސް ތަނަކުން އަލިކަމެއް ފެންނާކަށް ނެތެވެ. ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން ސަހަރާތެރެއަށް ވަނުމަށް ހިނގައިގަތެވެ. ބައިސްކަލު ބަހައްޓާފައެވެ. އެނޫން ގޮތަކަށް އެ އަނދިރިކަމުން ސަލާމަތްވާން ނެއްކަން އެނގުމުންނެވެ. އަނދިރިކަމުން އެޔެއް މިޔެއް ވަކި ނުވާހާލު ކުރިއަށް ފިޔަވަޅު އަޅަމުން ދިޔަ ޖިއާން ހުއްޓުން އެރިއެވެ. ޔަގީނެވެ. މީހަކު އެބައުޅެއެވެ. ޖިއާންއަށް ހަޅޭއްލަވައިގަނެވުނެވެ. އެއާއި އެކުގައި ފުންމައިގެން ހޭލެވުނެވެ.

އޭރު މީހާވަނީ ދާހިތްލާ ފޯވެފައެވެ. މޭގެ ތެރޭގައި ވާ ހިތް ވިންދުޖަހަމުން ދިޔައީ މޭ ފަޅައި ބޭރަށް ނުކުންނަހާ ބާރަށެވެ. މޫނުގައި ހުރި ދާތައް ފުހެލަމުން ޖިއާން ފުންނޭވާއެއް ދޫކޮށްލިއެވެ. ބިރުވެރި ހުވަފެނަކުން ހޭލެވުނީމައެވެ. ހަމަޖެހިލަން މަސައްކަތް ކުރި ޖިއާން ސިއްސައިގެން ދިޔައީ ހެޑްބޯޑު މަތީގައި އޮތް ފޯނު ވައިބްރޭޓް ވުމުންނެވެ.
"ނިދީތަ؟ ގުޅާލަންތަ؟ -އަފްޒަލް- " އަފްޒަލް ފޮނުވި މެސެޖު ޖިއާން ކިޔާލިއެވެ.

"ނުނިދަން. އެންމެ ރަނގަޅު ގުޅާލިޔަސް" ޖިއާން ޖަވާބެއް ފޮނުވާލީ ނިދަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ނުނިދޭނެ ކަން އެނގޭތީއެވެ.

މާގިނަ ވަގުތެއް ނުވިއެވެ. އަފްޒަލް ގުޅައިފިއެވެ.

"ހަލޯ" ޖިއާން ފޯނުނަގާ ކަންފަތުގައި ޖަހާލަމުން ބުނެލިއެވެ.

"ޖިއާން ކިހިނެއް؟ ނުނިދާ ރެއަކީތަ؟" ޖިއާންގެ ބަސްމަދުވާނެކަން އެނގި ހުރެވެސް އަފްޒަލް ވާހަކަ ދެއްކިއެވެ.
"ނިދިފަ ހޭލެވުނީ. ހުވަފެނެއް ފެނިގެން" ޖިއާން ތެދުވެ ހެޑްބޯޑުގައި ލެނގިލިއެވެ.

"އަނެއްކާ ކޮންކަހަލަ ހުވަފެނެއްބާ؟ ކިޔާދެވޭ ކަހަލަތަ؟" އަފްޒަލް މަޑުމައިތިރިކަމާއި އެކުގައި ވާހަކަ ދެއްކިއެވެ.
"ކިޔާ ނުދެވޭ ކަހަލަ ހުވެފެން ހުރޭތަ؟ އަފްޒަލް ކީއްކުރަނީ މިގަޑީގައި ނުނިދާ؟ ނިދި ނާންނަނީތަ؟" ޖިއާންވެސް ސުވާލެއް ކޮށްލިއެވެ.

"ވަރަށް ނިދިއައިސްގެން އޮށޯތިން. އެކަމަކު އޮށޯތްތަނުން ކުއްޖަކާއި ދޭތެރޭގައި ވިސްނެންފެށީ. އެހެންވެ އެކަމުން ކުޑަކޮށް ބޯދަމައިގަންނަން ވެގެން ހިތަށް އެރީ ޖިއާން ކޮބާތޯ ބަލާލާނީއޭ." އަފްޒަލް އޮޅުވާލުމެއް ނެތި ބުންޏެވެ.
"އެއީ ކޮން ކުއްޖެއް؟ ލޯބިވާ ކުއްޖެއް؟ ސޮރީ ވަރަށް ޕަރސަނަލް ސުވާލެއް ދޯ" ޖިއާން މައާފަށް އެދުނެވެ.
"އަނހަ. އެއީ މައާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ނޫނޭ. އެހެން ނޫނަސް އެއީ އަހަރެން ލޯބިވާ ކުއްޖެއް ނޫން. އެކަމަކު ވަރަށް ހިތާމަވެރި ކަންތައްތަކެއް ތަހައްމަލް ކުރަން ޖެހުނު ކުއްޖެއް. އަހަރެން ދަންނަވެސް ކުއްޖެއް ނޫން. އެކަމަކުވެސް އެ ކުއްޖާގެ ހިތްވަރުގަކަމަށްޓަކައި އަހަރެން ފަހުރުވެރިވާ ކުއްޖެއް. ހިތުގައި ކޮންމެވެސް ގޮތަކުން އެ ކުއްޖާއަށް ހާއްސަ މަގާމެއްވެސް ދެވިފައިވާ ކުއްޖެއް. އެކަމަކު އެއަށް އަހަރެން ލޯތްބެކޭ ނުކިޔާނަން." އަފްޒަލް ކިޔާދިނެވެ.

"ހިތާމައެއް ދިމާވާ ކޮންމެ ކުއްޖަކަށް އަފްޒަލްގެ ހިތުން ޖާގަ ދެނީތަ؟" ޖިއާންގާތަށް ހިނިއަންނަ ގޮތްވިއެވެ.
"އެހެނެއް ނޫން. އެކަމަކު އެއީ ނިކަން ހާއްސަ ކުއްޖެއް. ފަހަރެއްގައި އެ ކުއްޖާއާއި ބައްދަލުވެއްޖެ ނަމަ ހިތް އެއްކޮށްވެސް ދެވިދާނެ ކަންނޭނގެ. އެހާވެސް ސްޕެޝަލް" އަފްޒަލްގެ ހިތުގައި އެ ގޮތް ނޭނގޭ އަންހެން ކުއްޖާއަށް ލޯތްބާއި އޯގާތެރިކަންވެއެވެ.

"އެއީ ހާދަ ނަސީބު ގަދަ ކުއްޖެކޭ. އަދި އެ މަންޖެއާއި ބައްދަލު ނުވާއިރު ތިވަރު ވެއްޖިއްޔާ ބައްދަލުވާ ދުވަހަކުން ކިހާވަރެއް ވާނެ" ޖިއާން ހިނިތުންވެލިއެވެ.

"ޖިއާން އުޅެނީ ކުއްޖަކާއި ރައްޓެހިވެގެންތަ؟" އަފްޒަލް ކުއްލިއަކަށް އަހާލިއެވެ.

"އެންމެން އެ ކުއްޖާހާ ނަސީބުގަދައެއް ނުވާނެ އެއްނު؟ " ޖިއާން އިސްޖަހާލިއެވެ.

"ހަހަހަ. އަދި ނޭނގެއެއްނު ދުވަހަކުވެސް އެ މަންޖެއާއި ދިމާވާނެ ކަމެއް. އެހެން ނޫނަސް އަހަރެން މިކޮޅުގައި މާ ގިނަ ދުވަހަކު ނުއެއް ހުންނާނަން. އެންމެ ގިނަވެގެންވެސް ދެމަސް. ދެން އަނބުރާ ފުރާނީ. ދެން އެހެން ނޫނަސް އެވާހަކަ ބާއްވާފައި ކިޔާދީބަލަ ނިކަން ތި ފެނުނު ހުވަފެނެއްވެސް." އަފްޒަލް ބޭނުންވީ ޖިއާން ވާހަކަދައްކާށެވެ.
ދެކޮޅު ހެދުމެއްނެތި ޖިއާން އަފްޒަލްއަށް ހުވަފެން ކިޔާދިނެވެ.

"އެކަމާ ބިރުން ތި އުޅެނީ؟ ޖިއާން މިދުވަސްކޮޅު ކަންތައްތަކާއި ވަރަށް ވިސްނަންތަ؟ ގޮތް ނިންމަން އުނދަގޫވޭތަ؟ ނޫނީ މާޒީގެ ސަބަބުން، މީހެއްގެ ވިޔަސް ނޫނީ ކަމެއްގެ ސަބަބުންވިޔަސް މާޔޫސްވެ ގޮތް ހުސްވޭތަ؟ އެހެން ކަމަށް ވަންޏާ އެއޮތީ ޖަވާބު. އެމީހެއްގެ ވިސްނުމުގެ ސަބަބުން އެމީހެއްގެ ދިރިއުޅުން ބައްޓަންވެގެންދާނެ. އަބަދު މާޔޫސްވެފައި ހުންނަންޏާ ހުވެފެނުގައިވެސް ފެންނާނީ ގޮތް ހުސްވެ މާޔޫސްވެފައި ވަނިކޮށް." އަފްޒަލްއަށް ހީވާގޮތަކަށް ބުނެދިނެވެ.

ތެދެކެވެ. ޖިއާންއަށްވަނީ އެހެންނެވެ.

"އަފްޒަލްއަށް ކިހިނެއް އެނގުނީ؟" ޖިއާން ހައިރާންވާ ގޮތްވިއެވެ.

"އަހަރެން މިއީ ވަރަށް މޮޅު ހިތުގެ ޑޮކްޓަރެކޭ. މީހުންގެ ހިތަށް އަރާ ފައިބާ ހުރިހާ އެއްޗެއް އަހަންނަށް އެނގޭނެ." އަފްޒަލް ހިނިގަނޑެއް ޖަހާލިއެވެ.

"ހަހަހަ. ވަރަށް މަޖާ" ޖިއާންވެސް ހޭންފެށިއެވެ.

އެކިއެކި ވާހަކަތައް ދެއްކުމުގައި ދެމީހުން އެތައް ވަގުތެއް ހޭދަކުރިއެވެ. އަފްޒަލް ފޯނު ކަނޑާލީ ޖިއާންގެ އަޑެއްބަޑެއް ނީވެ ގިނައިރުވުމުން ޖިއާންއަށް ނިދުނީކަން ޔަގީން ކޮށްލުމައްފަހުގައެވެ. ފޯނު ބޭއްވުމައްފަހުގައި އެނދުން ތެދުވެގެން ގޮސް އެއްކަލަ ގަނޑުނަގާ ކިޔާލިއެވެ. ކިތަންމެ ފަހަރަކު އެ ކިޔަސް ހިތަށް ކުރާ އަސަރު ކުޑައެއް ނުވެއެވެ.

***

ފަތިސް ނަމާދަށް ބަންގިދޭ އަޑަށް ލީނާއަށް ހޭލެވުނެވެ. މޯޅިއަކަށް ދެމިލަމުން ފަޒީލްއަށް ގޮވާ ތެދުކުރުވިއެވެ. ފަތިސް ނަމާދަށެވެ. އެއީ ލީނާގެ އަބަދުގެވެސް އާދައެވެ. ފަތިސް ނަމާދަށް ތެދުވެ ފިރިމީހާއަށްވެސް ގޮވާނެއެވެ. އަދި މިހާރު ޖިއާންއަށްވެސް ނަމާދަށް ގޮވައެވެ. ގޭގައި ޖިއާންއާއި ލީނާ ނަމާދު ކުރަނީ އެކުއެކީގައެވެ.

"ކޮބާ ރޭގައި ނިދުނުތަ؟" ނަމާދުން ނިމިގެން މުސައްލަމަތީގައި އިނދެގެން ލީނާ ސުވާލުކޮށްލީ ޖިއާންއާއެވެ.
"އާނ. ނިދުނު. އަނެއްކާ އެނގޭތަ. ރޭގައި އަފްޒަލްވެސް ގުޅި" ޖިއާން ބުނެލިއެވެ.

"މަޑުކުރޭ ކިޔަވާ ނިންމާލައިން ތި ވާހަކަ ދައްކާނީ. ތި ވާހަކައިގަ ޖެހިއްޖިއްޔާ ދެން ހުރިހާ ކަމެއް ދިޔައީ" ދެމީހުން އެއްކޮށް ހިނިގަނޑެއް ޖަހާލަމުން ކިޔަވަން ފެށިއެވެ.

ބައިގަޑިއެއް ހާއިރު ކިޔަވާލުމައްފަހުގައި ލީނާ އަވަހަށް ހުރިހާ ވާހަކައެއް އޮޅުންފިލުވަން ބޭނުންވިއެވެ.
"ކޮބާ ދެން ކިޔާބަލަ. ކިހިނެކޭ ވީ ރޭގައި؟ މިހާރު ހުރެވެނީއެއް ނޫނޭ އަޑުއަހާހިތުން" ލީނާ ކެތްމަދުވެފައި ވާ ހާލު ވާހަކަދެއްކީ ސައިހަދަން ބަދިގެއަށް ވަންނަމުންނެވެ.

"މާ ބައިވަރު ކަމެއްވިތަ؟ ރޭގައި އަފްޒަލް ގުޅީ. ގުޅައިން ވާހަކަ ދެއްކީ. ވަރަށް އިރުވަންދެން ވާހަކަ ދެއްކި. ވަރަށް ނައިސް މީހެއް ކަންނޭނގެ އެއީ އަސްލު" ޖިއާން ހީވާގޮތަށް ބުންޏެވެ.

"ކީއްވެގެން ތިހެން ތި ބުނީ؟ އާނ. އެހެން ނޫނަސް ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނެއެއްނު؟" ލީނާ ޖިއާންއަށް ބަލާލަމުން ބުނެލިއެވެ.

"ނައިސް މީހެއްހެން ހީވެއޭ ބުނީ ވާހަކަ ދައްކާ ގޮތުން. އެކަމަކު މީހެއްގެ ގޮތެއް ނޭނގޭނެއެއްނު؟ ކަމެއް ދަމެއް ގޯސްވީމަ ކޮންމެ މީހަކުވެސް ދާނީ. އަހަންނަށް އެކަން އެނގިއްޖެ މިހާރު. ލީނާމެން ކަހަލަ ފްރެންޑްސް މިހާރު ވަރަށް މަދުވާނެ." ޖިއާން ގޮސް ލީނާގެ ގައިގާ ބައްދާލިއެވެ.

"އާނ. އަދި ހަނދާން ނެތުނީއޭ. މިއަދު މަރުކަޒަށް ނުކުންނަން ދޯ؟ ކަމެއް ކޮށްދީބަ" ޖިއާން އެދުނެވެ.
"ކޮންކަމެއް؟" ޖިއާންގެ ގަޔާއި ދުރުކޮށްލަމުން ލީނާ ބުންޏެވެ.

"އަހަރެން މިކޮޅަށް އައި އިރު ތައިރޮއިޑް ބޭސް ގެންނަން ހަނދާނެއް ނެތް. ކުރީގެ ސިޓީތަށް ހުންނާނެ. އަހަންނަށް ބޭސް ފުޅިއެއް ގެނެސްދީބަ." ޖިއާން ގޮސް ގޮނޑިއެއްގައި އިށީނެވެ.

"ޑޮކްޓަރަށް ދައްކާލާފައި ބޭސް ނަގަންވީއެއްނު؟" ލީނާ ހިޔާލު ފާޅުކުރިއެވެ.

"އެހެން ދުވަހަކުން ޑޮކްޓަރަށް ދައްކާނީ. މިދުވަސްކޮޅު މާބޮޑަށް ވަރުބަލި ވަނީ. ބޭސް ނުކާތީހެން ހީވަނީ. ބޭސް ކާންފެށީމަ އޯކޭވާނެ." ބޮލުގައި އަތްއަޅާލަމުން ޖިއާން ވާހަކަ ދެއްކިއެވެ.

"އެންމެ ރަނގަޅު. އަހަރެން ބޭސް ގެނެސްދޭނަން. އެކަމަކު ރަނގަޅު ނުވަންޏާ ޑޮކްޓަރަށް ދައްކާލަންވާނެ" އޯގާތެރިކަމާއި އެކުގައި ލީނާ ބުންޏެވެ.

ނުނިމޭ

މިލިޔުން ކިޔާލުމުން
6
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ