ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާފާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން އުދަ އަރާފާނެކަމަށް ވައިޓް އެލާޓް ނެރެފައިވަނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށެވެ.
މިއަދު މެންދުރު 12:30 އިން ހަވީރު 03:30 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުދަ އެރުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.
White Alert for swell surges. pic.twitter.com/NqQOqd1HGr
— Maldives Meteorology (@MetMaldives) October 27, 2019
ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވޭ ކަމަށެވެ.
"އިރާއި އިރުދެކުނުން، ދެކުނުގެ އަތޮޅުކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ، އެހެންހިސާބުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުުތައް ދެކުނުގެ އަތޮޅުތަކުގައި އާދައިގެވަރަކަށް ގަދަވެފައި، އެހެންހިސާބުތަކުގެއި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށެވެ.
ދިިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވިއިރު މިއަދު މެދުރާއްޖެތެރެއަށް ދެން ދިޔަވަރު އެންމެ ބޮޑުވާނީ މިރޭ މެންދަމު 00:52 ގައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ މިރޭ މެންދަމު 01:34 ގައެވެ.



