ދިވެހި ދަޢުލަތުގެ މަތިވެރި ޢިއްޒަތް ދެ ބޭފުޅަކަށް ރައީސް ޞޯލިޙް އަރުވައިފި

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.ޢ.ޢ.ވ)، ހެންވޭރު އާމުލީގެ ޢަބްދުﷲ ޞާދިޤަށާއި ހެންވޭރު ހިކަރި އަޙްމަދު އާދަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރުވައިފިއެވެ.

މި ދެބޭފުޅުންނަށް ޢިއްޒަތް އެރުވުން އޮތީ ޤައުމީ ދުވަހުގެ މުނާޞަބަތުގައި ރޭ ދަރުބާރު ގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

ނިޝާނުގެ ޢިއްޒަތަކީ އެމީހެއްގެ ޤައުމީ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން ނުވަތަ ބައިނަލްޢަޤްވާމީ ޚިދުމަތް ވަޒަންކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ ޢިއްޒަތެކެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) ނިސްބަތްކުރެވެނީ އައްޞުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، ރޭ އެރުވި ޢަބްދުﷲ ޞާދިޤަކީ، ސަރުކާރަށް 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ދިވެހިބަހުގެ އެކެޑަމީގެ ޚާއްޞަ މުޝީރުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.

މުލަކަތޮޅު މުއްޔަށް އުފަން އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރު ނަމުންނަމަ ސޯދުބެއަކީ ސަރުކާރުގެ ޚިދުމަތުގެ އިތުރުން ދިވެހި އަދަބިއްޔާތަށާއި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އަގުނުކުރެވޭފަދަ މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ.

އުމުރުފުޅުން މިހާރު 84 އަހަރަށްވުރެ ގިނަދުވަސްވެފައިވީ ނަމަވެސް، ޞިއްޙީ ޙާލަތު ތަންދިން މިންވަރަކުން އެމަނިކުފާނު މިހާރުވެސް ޚިދުމަތް ކޮށްދެއްވަމުން އެ ގެންދަވަނީ، އެމަނިކުފާނުގެ ހިތްޕުޅުގައި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނަށްޓަކައި އުފެދިފައިވާ ވަރުގަދަ ލޯތްބެއްގެ ސަބަބުންކަން އެއީ ގަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.

ޢަބްދުﷲ ޞާދިޤް ދިވެހިބަހަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 1980 ވަނަ އަހަރާއި، 1983 ވަނަ އަހަރު ސަރުކާރުން އެމަނިކުފާނަށް ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވާފައެވެ. އަދި ދިވެހި ޅެންވެރިކަމުގެ ރޮނގުން 1992 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް އަރުވާފައިވެއެވެ. އޭގެފަހުން، ދިވެހިބަހަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު އަރުވާފައިވަނީ 1998 ވަނަ އަހަރުއެވެ.

މީގެއިތުރުން، މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައެވެ. އެ އިނާމަކީ، ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ އަދި އޭގެކުރިންވެސް ރާއްޖޭގެ ކުރިއެރުމަށާއި ތަރައްޤީއަށް ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށް އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، 1990 ވަނަ އަހަރު ސަރުކާރުން ދެއްވި އިނާމެކެވެ. މީގެއިތުރުން ޞާދިޤަށް ވަނީ ނޫސްވެރިކަމުގެ ރަން ގަލަމާއި، އަލިމަސް ގަލަންވެސް ލިބިވަޑައިގެންފައެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، ރޭ އެރުވުނު އަޙްމަދު އާދަމަކީ ރާއްޖޭގެ މިޒަމާނުގެ ތަރައްޤީއާއި ކުރިއެރުމުގައި އާދަޔާޚިލާފު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި އަދި އެބޭފުޅެއްގެ މަސައްކަތްޕުޅުތައް މިއަދުވެސް ވަރަށް ގާތުން ފެންނަ ބޭފުޅެކެވެ.

އަޙްމަދު އާދަމް ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 1 ފެބުރުވަރީ 1959 ގައި [މޯލްޑިވްސް ސްޓާރ]ގެ އެޕްރެންޓިސް އިންޖިނިއަރގެ މަޤާމުންނެވެ. ރާއްޖޭގެ ނިސްބަތުން ބަލާއިރު، އެ ދުވަސްވަރަކީ އިންޖިނިއަރިންގގެ ރޮނގުން ކުރިއަށް ވަޑައިގެންފައިވާ ބޭފުޅުން ވަރަށްމަދު ދުވަސްވަރެއްކަމުން، އަޙްމަދު އާދަމް ފާހަގަކުރެވިފައިވަނީ، ޤައުމީ ޚިދުމަތުގައި ރެޔާއިދުވާލު ވަރުބަލިފުޅުވުމެއްނެތި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ދިވެހިރާއްޖޭގައި އިންޖިނިއަރިންގގެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން 1979 ވަނަ އަހަރު އަޙްމަދު އާދަމަށް ވަނީ ސަރުކާރުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު އަރުވާފައެވެ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، 1979 ވަނަ އަހަރު ދެއްވަން ފެށްޓެވި ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަޙްމަދު އާދަމް ހިމެނިވަޑައިގަންނަވައެވެ.

އޭގެފަހުން މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް އަޙްމަދު އާދަމަށް ވަނީ ލިބިވަޑައިގެންފައެވެ. މި އިނާމަކީ، ރާއްޖެއަށް މިނިވަންކަން ލިބުމަށްފަހުގައާއި، އޭގެ ކުރިންވެސް ރާއްޖޭގެ ކުރިއެރުމަށާއި ތަރައްޤީއަށް ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުންނަށް އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން 1990 ވަނަ އަހަރު ސަރުކާރުން ދެއްވި އިނާމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ