ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި އިތުރުވަމުންދާ އެކްސިޑެންޓްތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދެއްވުމަށްއެދި ދިވެހި އެންމެހާ ރައްޔިތުންގެ ކިބައިން، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އާދޭސް ދަންނަވައިފިއެވެ.
ހެލްމެޓް ބެއްސެވުމަށްޓަކައި ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ރާއްޖޭގެ ކޮންމެ ކަންކޮޅަކަށް ނަޒަރު ހިންގާލިޔަސް ފެނި، އިވެމުންދަނީ ހުތާމަވެރި އަޑުތަކަކާއި މަންޒަރުތަކެއް ކަމަށެވެ.
ނަހުލާ ވިދާޅުވީ، ހެލްމެޓް ބެހުމާއެކު ކުރިއަށް ގެންދާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، މަގުމަތީގެ ނުރައްކާތަކަށް ރައްޔިތުން ހޭލުންތެރި ކުރުވައި، އެކްސިޑެންޓްތައް މަދުކުރުން ކަމަށާއި، މި ޕްރޮގްރާމާއެކު އެ މައްސަލައަށް ލުޔެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"އަޅުގަނޑު އާދޭހާ އެއްކޮށް ދަންނަވާލާނީ، މިހިނގާ ކަންތައްތަކާއި، މިހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް އެންމެހާ ރައްޔިތުންވެސް އެއްބާރުލުން ދެއްވާށޭ. ކުރިއަށް އޮތް ތާނގަވެސް ދުވެލި މަޑުކުރާނެކަމަށް އުއްމީދުކުރަން." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
ކޮންމެ ދިވެހި ރައްޔިތަކީވެސް ފަރުދީ ޒިންމާ އަދާކުރާ މީހަކަށް ވާންޖެހޭ ކަމަށާއި، ފަރުދީ ޒިންމާއާ ހަމައިން މަސައްކަތް ނުފަށާ މަގުމަތީގެ އެކްސިޑެންޓްތައް މަދު ނުކުރެވޭނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވިއެވެ.