މިނިސްޓަރ ނަހުލާއަށް ފުރިހަމައަށް އިތުބާރު އެބައޮތް: ރައީސް

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށް ފުރިހަމައަށް އިތުބާރު އެބައޮތްކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞޯލިޙް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދާދި ދެންމެއެވެ.

ރައީސް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގައި އުޅޭ އެންމެ ބޮޑު މައްސަލައަކީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މެންޑޭޓް ފުށުއެރުން ކަމަށާއި، އެ މައްސަލަތައް ހައްލުކުރުމަށް މިނިސްޓަރ ނަހުލާ އިސްވެ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަމަނާ އިހުލާސްތެރި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ނަހުލާއަށް އިތުބާރު އޮތްތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން ރައީސް ވިދާޅުވީ، އެކަމަނާއަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށާއި، އެކަމަނާގެ މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

އެ މިނިސްޓްރީގައި ހުރި މައްސަލަތަކަށް ހައްލު ހޯއްދެވުމަށް މިނިސްޓަރ މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ، 18 ވެހިކަލެއް ޑޮކިއުމަންޓް ފޯޖްކޮށްގެން ރަޖިސްޓްރީކޮށްދީފައިވާ މައްސަލައެއް ބަލައި، އެ މައްސަލަ ފުލުހުންނާއި އޭސީސީއަށް ހުށަހެޅިފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި އެބަހުރި ބެލިބެލުމުގައި ނުގަވާއިދުން ކުރެވިފައިހުރިި ބައެއް ކަންތައްތައްވެސް މިހާރު އެބަފެނޭޭ. އެގޮތުން ރަޖިސްޓްރީކުރުމުގައި ފޯޖް ޑޮކިއުމެންޓް ހުށަހަޅައިގެން ރަޖިސްޓްރީތަކެއް އެބަހުރި ވެހިކަލްތަކުގެ ކުރެވިފައި. ޓްރާންސްޕޯޓް މިނިސްޓަރ އެބަގެންދަވާ ޒިންމާދާރުކަމާއެކީ އިސްނަންގަވައިގެން އެކަންތައްތައް ބައްލަވަމުން. އެގޮތުން މިިހާތަނަށް 18 ވެހިކަލެއްގެ ރަޖިސްޓްރީ ފޯޖްކޮށްގެން ހަދާފައި އޮތްކަމަށް ފެނިގެން އެކަންތައްތައް ބެލުމަށް ޕޮލިހަށާއި އޭސީސީއަށް މައްސަލަ ވަނީ ފޮނުވިފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލާއިރު، އެތަނުގައި ވަރަށް ރަނގަޅު މުވައްޒަފުން އެބަތިއްބެވި ކަމަށާއި، އެ މުވައްޒަފުންނަށް ދެރައެއް ނުލިބޭގޮތަށް އެކަންކަން ކުރިއަށްދާނެ ކަމަށެވެ.

"އަޅުގަނޑަށް ފެންނަނީ، އަޅުގަނޑަށް ޤަބޫލުކުރެވެނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލާފައި، މެންޑޭޓަށް މިގެނެވޭ ބަދަލާއެކީގައި ތަނުގެ ހިނގުމަށް ބޮޑު ބަދަލުތަކެއް އަންނާނެ. ޓްރާންސްޕޯޓް މިނިސްޓަރަކީ ހަމަ ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ އަޅުގަނޑުމެންގެ އިތުބާރުއޮތް މިނިސްޓަރެއް." ރައީސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ