ހދ. ނޮޅިވަރަމުން ދޫކުރި 75 ބަންޑާރަގޯތި އަތުލައި، ބަންޑާރަ ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓް އަލުން އެކުލަވާލުމަށް ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
މިގޮތަށް ނޮޅިވަރަމް ކޯޓުން ހުކުމް ކޮށްފައިވަނީ، 8 އަހަރަށްފަހު އެރަށުން ބަންޑާރަ ގޯތި ދޫކުރުމުގައި މައްސަލަތަކެއް ހުރިކަމަށްބުނެ، ނޮޅިވަރަމް ކައުންސިލާ ދެކޮޅަށް އެރަށު ކޯޓަށް ތިން ފަރާތަކުން ހުށަހެޅި މައްސަލަތަކާއި ގުޅިގެން މިއަދު އިއްވި ހުކުމުގައެވެ.
ހދ.ޖުޑީޝަލް ދާއިރާގެ، ދާއިރާ އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް މިއަދު އިއްވި ޙުކުމްގައި ބުނެފައިވަނީ، ނޮޅިވަރަމުން ދޫކުރި 75 ގޯތީގެ ތެރޭގައި ފޯމު ބަލައިގެންފައިވާ ދޭ ލިޔުމުގައި، ފޯމާއި އެކު ހުށަހަޅަން ޖެހޭ ތަކެތި ހަމައަށް ހުށަހަޅާފައިވާ ކަމަށް ނޮޅިވަރަމު ކައުންސިލުން ލިޔުން ދޫކޮށްފައިވާ އަދި ކައިވެނީގެ މުއްދަތައް ޕޮއިންޓް ދީފިނަމަ ގުރުއަތަކާއި ނުލައި ނުވަތަ ގުރުއަތުގައި ބައިވެރި ވެވޭ ވަރަށް ޕޮއިންޓް ލިބޭ ފަރާތްތަކެއް ވާނަމަ އެފަރާތްތަކެއް ހިމަނައިގެން ގުރުއަތުލައި، އަލުން ގޯތިތަކުގެ ސްލޮޓް ކަނޑައެޅުމަށް ނޮޅިވަރަމު ކައުންސިލްގެ މައްޗަށް އަންގާ ކަމަށެވެ.
2019/B9C/65 ޤަޟިއްޔާގެ ޙުކުމް:
ދެންފަހެ އިސްވެދިޔަ ބަޔާން ތަކަށާއި ފާހަގަ ކުރެވުނު ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތްކޮށް، ހދ.ނޮޅިވަރަމު ކައުންސިލުން 2019 ވަނަ އަހަރު ގޯތި ދިނުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ހުށަހެޅުމުން ނޮޅިވަރަމު ކައުންސިލުން ހދ.ނޮޅިވަރަމު ޢަޒުމް ޙުސައިން ރަޝީދުއަށް ކައިވެންޏަށް ލިބެންޖެހޭ މުއްދަތައް ޕޮއިންޓް ދީފައި ނުވުމުން ގޯތި ލިބުމުގެ ޙައްޤުން ޙުސައިން ރަޝީދު މަޙްރޫމް ވެފައިވާތީ، ނޮޅިވަރަމު ކައުންސިލުން ގޯތި ދިނުމުގައި ޢަމަލު ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް އެދި ނޮޅިވަރަމު ކައުންސިލުގެ މައްޗަށް ޙުސައިން ރަޝީދު ދަޢުވާ ކުރުމުން ބެލުނު މައްސަލަގެ މިޤަޟިއްޔާގައި، ހދ. ނޮޅިވަރަމު ކައުންސިލުން 2019 ވަނަ އަހަރު ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހދ. ނޮޅިވަރަމު ޢަޒުމް ޙުސައިން ރަޝީދުއަކީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހައި ތަކެތި ފުރިހަމައަށް ހުށަހަޅާފައިވާ ފަރާތެއްކަން މިމައްސަލަ އާއި ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުން ތަކުންނާއި ޙުސައިން ރަޝީދުގެ ބަހުން އެގެން އޮންނާތީ އާއި އަދި މިދަޢުވާ އާއި ގުޅިގެން ޙުސައިން ރަޝީދު ހުށަހަޅަން ޖެހޭ ކައިވެނީގެ ސެޓްފިކެޓުގެ ކޮޕީގެ ބައެއް ހުށަހަޅާފައި ނުވާ ކަމަށް ކައުންސިލުން ބުނި ނަމަވެސް އެކަން ކައުންސިލަށް ޘާބިތު ކޮށްދެވިފައި ނުވާތީ، ހދ. ނޮޅިވަރަމު ކައުންސިލުން 2019 ވަނަ އަހަރު ކުރެވުނު އިޢުލާނާއި ގުޅިގެން ދޫކޮށްފައިވާ 75 ގޯތީގެ ތެރޭގައި ޙުސައި ރަޝީދު އަކީ ގޯއްޗެއް ލިބެންޖެހޭ ފަރާތެއް ކަމަށް ކަނޑައަޅައި، މި 75 ގޯތީގެ ތެރޭގައި މިފަދައިން ފޯމު ބަލައިގެންފައިވާ ދޭ ލިޔުމުގައި ހަމައަށް ފޯމާއި އެކު ހުށަހަޅަން ޖެހޭ ތަކެތި ހަމައަށް ހުށަހަޅާފައިވާ ކަމަށް ނޮޅިވަރަމު ކައުންސިލުން ލިޔުން ދޫކޮށްފައިވާ އަދި ކައިވެނީގެ މުއްދަތައް ޕޮއިންޓް ދީފިނަމަ ގުރުއަތަކާއި ނުލައި ނުވަތަ ގުރުއަތުގައި ބައިވެރި ވެވޭ ވަރަށް ޕޮއިންޓް ލިބޭ ފަރާތްތަކެއް ވާނަމަ އެފަރާތްތަކެއް ހިމަނުއްވައިގެން ގުރުއަތުލައި އަލުން ގޯތިތަކުގެ ސްލޮޓް ކަނޑައެޅުމަށްފަހު އެގޮތުގެ މަތިން ގޯތި ލިބޭނޭ ފަރާތްތަކުގެ ޙައްޤު ވެރިންނާއި އަލުން ގޯތިތައް ޙަވާލު ކުރުމަށް ނޮޅިވަރަމު ކައުންސިލްގެ މައްޗަށް އަންގާ ޙުކުމްކޮށްފީމެވެ.
2019/B9C/66 ޤަޟިއްޔާގެ ޙުކުމް:
ދެންފަހެ އިސްވެދިޔަ ބަޔާން ތަކަށާއި ފާހަގަ ކުރެވުނު ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތްކޮށް، ހދ.ނޮޅިވަރަމު ކައުންސިލުން 2019 ވަނަ އަހަރު ގޯތި ދިނުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ހުށަހެޅުމުން
ނޮޅިވަރަމު ކައުންސިލުން ހދ. ނޮޅިވަރަމު މަޒާ ޢަލީ ނަދީމްއަށް ކައިވެންޏަށް ލިބެންޖެހޭ މުއްދަތައް ޕޮއިންޓް ދީފައި ނުވުމުން ގޯތި ލިބުމުގެ ޙައްޤުން ޢަލީ ނަދީމް މަޙްރޫމް ވެފައިވާތީ، އެކަން ބަލައި ދިނުމަށް އެދި ނޮޅިވަރަމު ކައުންސިލްގެ މައްޗަށް ޢަލީ ނަދީމް ދަޢުވާ ކުރުމުން ބެލުނު މައްސަލައިގެ މިޤަޟިއްޔާގައި، ހދ. ނޮޅިވަރަމު ކައުންސިލުން 2019 ވަނަ އަހަރު ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހދ. ނޮޅިވަރަމު މަޒާ ޢަލީ ނަދީމްއަކީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހައި ތަކެތި ފުރިހަމައަށް ހުށަހަޅާފައިވާ ފަރާތެއްކަން މިމައްސަލަ އާއި ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުން ތަކުންނާއި ޢަލީ ނަދީމްގެ ފަރާތުން ދީފައިވާ ބަޔާނަށް ބެލުމުން އެގެން އޮންނާތީއާއި އަދި މިދައުވާއާއި ގުޅިގެން ޢަލީ ނަދީމް ހުށަހަޅަން ޖެހޭ ކައިވެނީގެ ސެޓްފިކެޓުގެ ކޮޕީގެ ބައެއް ހުށަޅާފައި ނުވާ ކަމަށް ބުނެ މިދަޢުވާއަށް ނޮޅިވަރަމު ކައުންސިލުން އިންކާރުކޮށްފައި ވީ ނަމަވެސް އެކަން ނޮޅިވަރަމު ކައުންސިލަށް ޘާބިތު ކޮށްދެވިފައި ނުވާތީ، ހދ. ނޮޅިވަރަމު ކައުންސިލުން 2019 ވަނަ އަހަރު ކުރެވުނު އިޢުލާނާއި ގުޅިގެން ދޫކޮށްފައިވާ 75 ގޯތީގެ ތެރޭގައި ހދ. ނޮޅިވަރަމު މަޒާ ޢަލީ ނަދީމްއަކީ ގޯއްޗެއް ލިބެންޖެހޭ ފަރާތެއް ކަމަށް ކަނޑައަޅައި، މި 75 ގޯތީގެ ތެރޭގައި މިފަދައިން ފޯމު ބަލައިގެންފައިވާ ދޭ ލިޔުމުގައި ފޯމާއި އެކު ހުށަހަޅަން ޖެހޭ ތަކެތި ހަމައަށް ހުށަހަޅާފައިވާ ކަމަށް ނޮޅިވަރަމު ކައުންސިލުން ލިޔުން ދޫކޮށްފައިވާ އަދި ކައިވެނީގެ މުއްދަތަށް ޕޮއިންޓް ދީފިނަމަ ގުރުއަތަކާއި ނުލައި ނުވަތަ ގުރުއަތުގައި ބައިވެރި ވެވޭ ވަރަށް ޕޮއިންޓް ލިބޭ ފަރާތްތަކެއް ވާނަމަ އެފަރާތްތަކެއް ހިމަނުއްވައިގެން ގުރުއަތުލައި އަލުން ގޯތިތަކުގެ ސްލޮޓް ކަނޑައެޅުމަށްފަހު އެގޮތުގެ މަތިން ގޯތި ލިބޭނޭ ފަރާތްތަކުގެ ޙައްޤު ވެރިންނާއި އަލުން ގޯތިތައް ޙަވާލު ކުރުމަށް ނޮޅިވަރަމު ކައުންސިލްގެ މައްޗަށް އަންގާ ޙުކުމްކޮށްފީމެވެ.
2019/B9C/63 ޤަޟިއްޔާގެ ޙުކުމް:
ދެންފަހެ އިސްވެދިޔަ ބަޔާން ތަކަށާއި ފާހަގަ ކުރެވުނު ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތްކޮށް، ހދ.ނޮޅިވަރަމު ކައުންސިލުން 2019 ވަނަ އަހަރު ގޯތި ދިނުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ގޯތި ދިނުމުގައި ނޮޅިވަރަމު
ކައުންސިލުން އެކުލަވާލި އުޞޫލާއި ޚިލާފަށް ގޯތި ދިނުމުގައި ޢަމަލު ކޮށްފައިވާތީ، އެކަމުގައި ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ނޮޅިވަރަމު ކައުންސިލްގެ މައްޗަށް ހދ. ނޮޅިވަރަމު ހަންހާރަ މުޙައްމަދު ޢަލީ ހުށަހެޅުމުން ބެލުނު މައްސަލައިގެ މިޤަޟިއްޔާގައި، ހދ. ނޮޅިވަރަމު ކައުންސިލުން 2019 ވަނަ އަހަރު ދޫކޮށްފައިވާ 75 ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި މިދަޢުވާގައި ބަޔާން ކޮށްފައިވާ ހދ. ނޮޅިވަރަމު ހަނދުވަރީމަންޒިލް އާމިނަތު ވަޙީދާއަށް ގޯތި ދޫކޮށްފައިވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ ޤަވާޢިދާއި ޚިލާފަށާއި އަދި ކައުންސިލުން ގޯތި ދޫކުރުމަށް ހަދާފައިވާ އުޞޫލުގެ 06 ވަނަ މާއްދާގެ (ޅ) އާއި އެ އުޞޫލުގެ 03 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށްކަން އެގެން އޮންނާތީ، 2019 ވަނަ އަހަރު ހދ. ނޮޅިވަރަމު ކައުންސިލުން ދޫކޮށްފައިވާ 75 ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޢަމަލު ކޮށްފައިވަނީ ޤަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދިނުމާއި ބެހޭ ޤަވާޢިދާއި އަދި ގޯތި ދިނުމަށް ނޮޅިވަރަމު ކައުންސިލުން ހަދާފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތީން 2019 ވަނަ އަހަރު ކުރެވުނު ނަންބަރު އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 75 ގޯތި ލިބޭ ފަރާތްތައް އަލުން ކަނޑައަޅައި އެފަރާތްތަކުގެ މެދުގައި ގުރުއަތު ލުމަށްފަހު އަލުން ސްލޮޓްތައް ކަނޑައަޅައި އެގޯތިތަކުގެ ޙައްޤު ވެރިންނަށް ގޯތިތައް ދިނުމަށް ހދ. ނޮޅިވަރަމު ކައުންސިލަށް އަންގައި ޙުކުމް ކޮށްފީމެވެ.
ނޮޅިވަރަމު ކޯޓުން މިގޮތަށް ހުކުމް ކޮއްފައި މިވަނީ ގެވަޅު ލިބުނު ފަރާތްތަކަށް ގެވަޅު ލިބުނު ސަރަހައްދާ ބްލޮކުގެ މައުލޫމާތު ހިއްސާކޮށްފައި ވަނިކޮށެވެ.
އާބާދީގައި 2698 މީހުން ނޮޅިވަރަމުގައި ރަޖިސްޓްރީ އޮތް ނަމަވެސް ރަށުގައި ދިރިއުޅެމުން އަންނަނީ ގާތްގަނޑަކަށް 1800 އެއްހާ މީހުންނެވެ. މިފަހަރު ނޮޅިވަރަމުން ގެވަޅު ދޫކުރުމަށް ނިންމާފައިވަނީ އެރަށު ބަނދަރަށް ނުކުންނަ މަގު (އަޅިވިލާމަގު)ގެ ދެ ފަރާތުންނެވެ. އެގޮތުން މަގުގެ އެއް ފަޅިން 4 ބްލޮކް އަނެއް ފަޅިން 6 ބްލޮކުން ގެވަޅު ދިނުމަށް ނިންމާފައިވާއިރު ކޮންމެ ބްލޮކެއްގައި ހިމެނޭނީ 8 ގެ އެވެ.
އެންމެ ފަހުން އެރަށުން 2011 ވަނަ އަހަރު އެރަށުން ގެވަޅު ދޫކޮށްފައިވަނީ ވެސް މި ސަރަހައްދުންނެވެ. އެ ސަރަހައްދު ރަޖިސްޓްރީކޮށްފައިވަނީ އިރުމަތި އަވަށުގެ ގޮތުގައެވެ. 2011 ވަނަ އަހަރު ދޫކޮށްފައިވަނީ 3000 އަކަފޫޓްގެ 172 ގެވަޅެވެ. މި ފަހަރުވެސް ދޫކުރަން ހަމަޖެހިފައިވަނީ 3000 އަކަފޫޓްގެ ގެވަޅެވެ.
މި އަހަރު މިދޫކުރި 75 ގޯއްޗަކީ މި އަހަރު ޖެނުއަރީ މަހު އިއުލާންކޮށް ފޯމްލާފައިވާ ގެވަޅުތަކެއްކަން ފާހަގަކޮށްލެވެެއެވެ. މި ގެވަޅުތައް ދިނުމުގެ ހުއްދަ ކައުންސިލަށް ދީފައިވަނީ 2018 ވަނަ އަހަރުއެވެ. އެގޮތުން ގެވަޅުގެ ދިނުން ލަސްވެގެން މި އަހަރު ޖޫން މަހު ވަނީ އެރަށު ރައްޔިތުން އިހްތިޖާޖުވެސް ކޮށްފައެވެ.





2 Responses
Dhiriulhumuge haalathah belumeh neh amma bappa than oveytho belymaavys
Emmenah boahiyaa vahikan kobaatho nolhivaramuga than nethigentho miulheny 75goathi midheny