އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރުތައް 2019 މާރިޗު 4 ވާ ހޯމަ ދުވަހު ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު، އެ ކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކްރަމް ވިދާޅުވީ، ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުމުގެ މަސައްކަތް މާރިޗު 4 ވަނަ ދުވަހުގެ ހަވީރު 05:00 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމައި، އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މިމަހުގެ 27 ވީ ބުދަ ދުވަހު ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުމަށް ކުރިން ނިންމި ނިންމުން އިލެކްޝަންސް ކޮމިޝަނުން ބަދަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. ސްޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ މާރިޗު 4 ވަނަ ދުވަހާ ހަމައަށް ޕްރައިމަރީން ބަލިވެ ކެންޑިޑޭޓުންގެ އެޕްލިކޭޝަން ފޯމުތައް ބަލައިގަތުމަށެވެ.
ސްޕްރީމް ކޯޓުގެ ހުކުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ކުރިމަތިލުމަށް ހުޅުވާލު ފުރުޞަތު ހަމަވާނީ މާރިޗު މަހުގެ 4 ވަނަ ދުވަހުގެ ހަވީރު 04:00 އަށެވެ.
އަކްރަމް އިތުރަށް ވިދާޅުވީ ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު މާރިޗު 2 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށާއި، އެ މުއްދަތު ހަމަވުމުން އިތުރުކުރަން ނުވިސްނަވާ ކަމަށެވެ. މީގެ އިތުރުން އޮފިޝަލުން ލިބުމުގައި ވަރަށް ބޮޑު ދަތިތަކެއް އެބަހުރި ކަމަށާއި، އެކަމަށް ވީހާޥެސް ގިނަ ރައްޔިތުން އެއްބާރުލުން ދެއްވުމަށްވެސް އީސީން އެދިލައްވައެވެ.
މަޖިލިސް އިންތިޚާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ 2019 މާރިޗު 5 ވަނަ ދުވަހުއެވެ.