ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ހަރަކާތްތަކެއް މާދަމާ ހިންގުމަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ގޮތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި މާރިޗު 1 ވަނަ ދުވަހު އަންހެން ސިފައިންނާއި ސިފައިންގެ ޢާއިލާތަކުން ބައިވެރިވެގެން ކަޅުތުއްކަލާކޮށީގައި ކުޅިވަރުގެ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި، މީގެ އިތުރުން އާންމުކޮށް ހުޅުވާލެވިގެން، ބަޑިބޭހުގެ ޚާއްޞަ ކުޅިވަރުތަކެއް ސެނަހިޔަ ހޮސްޕިޓަލް ކުރިމަތީ އޮންނަ ހުސް ބިން ސަރަޙައްދުގައި މާދަމާ ރޭ 20:15 ގައި ބާއްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައިކަމަށެވެ. އަދި މިމަހު 22 ވަނަ ދުވަހު ރޫޓު މާޗެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އަންހެން ސިފައިންގެ ޚިދުމަތް ދިވެހި އަސްކަރިއްޔާގައި އުފެދިގެންދިޔައީ 65 އަންހެން ސިފައިންނާއެކު 1989 މާރިޗު 1 ވަނަ ދުވަހުއެވެ.