ނޯރޯވައިރަސް ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ރާސްބެރީ ރާއްޖެ އެތެރެވެފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވިދާޅުވީ، 'ނޯރޯވައިރަސް' ޖަރާސީމުން ތަޣައްޔަރުވެފައިވާ ހިމްބީގަންޒް މަރުކާގެ ގަނޑުކުރި ރާސްބެރީ ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މަޢުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް މެދުވެރިކޮށް އެއޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.
އެ އޮތޯރިޓީއިން ވިދާޅުވީ، މިހާތަނަށް ލިބުނު މަޢުލޫމާތުން މިއުފެއްދުން ޑިސްޓްރިބިޔުޓް ވެފައިވަނީ ހަމަ އެކަނި ރިސޯޓް ތަކަށް ކަމަށާއި، އެލާޓްއާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދާ އެފަދަ އުފެއްދުން އަނބުރާ ބާޒާރުން ނެގުމުގެ މަސައްކަތް އެ އޮތޯރިޓީއިން ކުރަމުންދާ ކަމަށެވެ.
"ތަޣައްޔަރުވެފައިވާ ރާސްބެރީ އެތެރެނުކުމަށާއި، ނުވިއްކުމަށާއި ބޭނުންނުކުރުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރިން." ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވިދާޅުވިއެވެ.
އެ އޮތޯރިޓީއިން ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތި އެތެރެކުރާ، ވިއްކާ އަދި ބޭނުން ކުރާފަރާތް ތަކުން ފުރިހަމަ މަޢުލޫމާތު ނެތް ރައްކާތެރިކަން ކަށަވަރުނުވާ ގަނޑުކުރި ރާސްބެރީ އެތެރެނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށްވެސް އަންގާ ކަމަށެވެ.
"ދިވެހިރާއްޖެއަށް އެތެރެކުރާ ހިމްބީގަންޒް މަރުކާގެ ގަނޑުކުރި ރާސްބެރީއަށް ވަކި ޚާއްސަ ސަމާލުކަމެއްދީގެން
ބޯޑާގައި ބަލާފާސް ކުރަމުންދާ ކަމުގައިވެސް ދަންނަވަން." ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވިދާޅުވިއެވެ.
މިކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީގަޑީގައިނަމަ ނަންބަރު 3014361 ފޯނަށް އަދި ނުރަސްމީގަޑީގައި ނަމަ މިއޮތޯރިޓީގެ ހޮޓު ލައިން ނަންބަރު 7603204 އަށް ގުޅުއްވުމަށްވެސް ފުޑް އެންޑް ޑްރަގް އޮތީރިޓީއިން އެދިލައްވައެވެ.



