އާއްމުނަށް ފޯރުކޮށްދެމުންދާ ޙިދުމަތްތައް އޮންލައިންކޮށް ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގްއޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ޤާއިމް ކުރި "ދިރިތި" ނަމުގައި ޕޯޓަލްއެއް މިއަދު އިފްތިތާހް ކޮށްފިއެވެ.
މިރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އޮނަރަބުލް އަލްފާޟިލް އަބްދުﷲ އަމީނެވެ. މިއަދު އިފްތިތާޙް ކުރި "ދިރިތި" ޕޯޓަލް އަކީ އާއްމު ފަރުދުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ލުއިފަސޭހަކަމާއިއެކު ދިނުމަށާއި މަސައްކަތުގެ ދުވެލި އަވަސް ކުރުމަށް ސަރުކާރުން މިކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ލުއިފަސޭހައެއް ކަމުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަކީ ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަން ބެލެހެއްޓުމަށް އެތަކެތީގެ ރަޖިސްޓްރޭޝަންއާއި ހުއްދަ ދިނުމުގެ ޚިދުމަތް ދެމުންއަންނަ މުވައްސަސާއެވެ. މިއަދު އިފްތިތާޙް ކުރި، "ދިރިތި" ޕޯރޓަލް އިން ކާބޯތަކެއްޗާއި ބޭހާއި ގުޅޭގޮތުން އާއްމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް "އޮންލައިން" ނިޒާމެއްގެ ތެރެއިން ވަރަށް ފަސޭހަކަމާއިއެކު ލިބިގެންދާނެ އިންތިޒާމް ހަމަޖެހިގެންދާނެކަމުގައި އެފަރާތުން ވަނީ ވިދާޅުވެފައެވެ.
އެ ގޮތުން އެމް.އެފް.ޑީ.އޭއިން ދޫކުރަމުންދާ ކާބޯތަކެއްޗާއި ބޭހާއި ގުޅޭ ރަޖިސްޓްރޭޝަންތަކާއި ހުއްދަތައް އަދި ބޯރޑަރއިން ދޫކުރާ ހެލްތު ކްލިއަރަންސް ހޯދުމުގެ މަސައްކަތަށް ލުއިފަސޭހަކަމާއިއެކު ދުވެލި އަވަސް ވެގެން ދާނެކަމަށާއި، "ދިރިތި" ނިޒާމް ތަޢާރަފްވެ "ނެޝަނަލް ސިންގަލް ވިންޑޯ" ވިއުގައަށް ގުޅައިލުމުން، އެހެނިހެން އެޖެންސީތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ބަދަލުކުރެވޭ ލިޔެކިއުންތައް ބަދަލުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެކަމުގައި އެފަރާތުން ވިދާޅުވެއެވެ.
އަދި މިއީ ވިޔަފާރިވެރިން އެ ފަރާތްތަކުގެ މަސައްކަތެއް ފުރިހަމަ ކުރުމަށްޓަކައި ސަރުކާރުގެ އެކި މުވައްސަސާތަކަށް އެކިފަހަރު މަތިން ކުރަންޖެހޭ ދަތުރުތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އެންމެ ލުއި ފަސޭހަކޮށް އަވަސް ދުވެއްޔެއްގައި ފޯރުކޮށްދިނުން ކަމަށްވާތީ ،މިއީ ސަރުކާރުގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ 'ޞިއްޙީ ޚިދުމަތް ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުރިހަމަވެގެންދާ ކަމެއް ކަމަށްވުމީ ސަރުކާރަށް ލިބިގެންދިޔަ އިތުރު ކާމިޔާބީއެއްކަމުގައިވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ވަނީ ފާހަގަ ކުރައްވާފައެވެ.



