އިސްލާމްދީން ދިފާޢުކުރެއްވިކަމަށްޓަކައި ރައީސްއަށް ޝުކުރު ދަންނަވަން: އަދާލަތު

ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ދަމަހައްޓަވައި، އިސްލާމްދީން ދިފާޢުކުރެއްވިކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުއަށް އަދާލަތު ޕާޓީއިން ޝުކުރު ދަންނަވައިފިއެވެ.

މިއަދު އެޕާޓީން ނެރުއްވި ނޫސްބަޔާނެއްގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުއަށް ޝުކުރު ދަންނަވާފައިވާއިރު، ބޭރުގެ އެއްވެސް ނުފޫޒަކަށް ބެލުމެއްނެތި އަދުގެ ސަރުކާރުން ޤާނޫނީ ވެރިކަން ނެގެހެއްޓެވިކަމީ އަދާލަތު ޕާޓީއާއި ދިވެހިރައްޔިތުންނަށް އަދުގެ ސަރުކާރުން، ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ދެއްވި ޔަޤީންކަމުގެ މަތީގައި އެމަނިކުފާނާއި އެމަނިކުފާޏުގެ ސަރުކާރުން ދެމިހުރިކަމުގެ ހެއްކެއްކަމަށްވެސް އަދާލަތު ޕާޓީގެ މިބަޔާނުގައި ވެއެވެ.

ދިވެހި ރައްޔިތުންނަކީ ޒަމާނުއްސުރެ ދީނަށް ލޯބިކުރާ، ދީނުގެ ދިފާޢުގައި ކޮންމެ ޤުރުބާނީއެއްވެސް ވާން
ތައްޔާރަށް ތިބޭ ރައްޔިތެއްކަން ތާރީޚު ހެކިދޭއރު، އަނދިރި ބާރުތަކުން ދޭ ކޮންމެ ހަމަލައަކުން ދިވެހިރާއްޖޭގެ
ޤައުމިއްޔަތާއި، މި ރާއްޖޭގެ ދީނާއި ރައްޔިތުންގެ އަޤީދާގެ ދިފާޢުގައި އެ ރައްޔިތުން، ސިޔާސީ ކުލައަކަށް އަތޮޅަކަށް
ޖަޒީރާއަކަށް ބެލުމެއް ނެތި އެކީ އެއްބައެއްގެ ގޮތުގައި ތެދުވާނެ ބައެއްކަން އަނެއްކާވެސް މިވަނީ ސާބިތުކޮށްދެއްވާފައިކަމަށްވެސް މިބަޔާނުގައިވެއެވެ.

އަދި އެކަން ހަނދާންނެތިފައިވާ ފަރާތްތަކަށާއި އޮޅިފައިވާ ފަރާތްތަކަށް އަލުން އެކަން ހަނދާންކޮށްދީ އޮޅުންފިލުވައި ދީފިކަމަށާއި ހަމަކަށަވަރުން މިއީ ދިވެހި ރައްޔިތުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށްވެސް އެޕާޓީންވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އަދާލަތުން ވިދާޅުވީ، ޤާނޫނަށްވުރެ މަތީގައި އެއްވެސް ދިވެހި ރައްޔިތެއް ނުވަތަ ޖަމާއަތެއް އޮވެގެން ނުވާނެކަމަށާއި ޤާނޫނު ހިނގަންވާނީ ހުރިހައި އެންމެންގެ މައްޗަށް ހަމަހަމަ ކޮށެވެ. އަދި ޤާނޫނު ތަންފީދުވާންވާނީ އެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އަދި އިންސާފުވެރި ތަރަހައެއްގެ މަތީގައި އެކުލަވާލެވޭ ޑިއު ޕްރޮސެސްގެ ތެރެއިންކަމަށެވެ.

ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުން އައި މަދަނީ ޖަމްޢިއްޔާއަކުން، އިސްލާމް ދީނަށް ތައުހީނުކޮށް، މާތް ﷲ ގެ ކުޅަދުންވަންތަކަމާމެދު ސުވާލު އުފައްދައި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އަދި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ނަން ކިނލަބުވާފަދަ ގޮތަކަށް ރިޕޯޓް އެކުލަވާލާފައިވާތީ، އެ ޖަމްޢިއްޔާއިން ދިވެހިރާއްޖޭގައި ހެދިފައިވާ އެތައް ޤާނޫނަކާ ޚިލާފުވެފައިވާކަން ފާހަގަކޮށް، އެ ޖަމްޢިއްޔާ އުވާލުމަށާއި މިރިޕޯޓު ނެރުމުގައި ޝާމިލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް، އެޕާޓީއާއި، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ދިވެހިރާއްޖޭގެ އެތައް ލައްކަ ރައްޔިތުންނެއް ސަރުކާރާއި ރައީސުލް ޖުމްހޫރިއްޔާއަށާއި މަސްއޫލުވެރި ފަރާތްތަކަށް އިލްތިމާސްކޮށްފައިވާކަމަށްވެސް މިބަޔާނުގައިވެއެވެ.

އަދި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ހުރި އެންމެހައި ކަންބޮޑުވުމެއް އަޑުއެއްސެވުމަށް އެ ޢިލްމުވެރިންނާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރެވީ އެމަނިކުފާނުގެ އަމިއްލަ އިސްނެންގެވުމުގެ މަތިންކަންވެސް އަދާލަތުގެ މިބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ