ބަންގާޅު ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާނެއްކަމުގައިވާ ބުލްބުލް، އިންޑިޔާގެ އިރުމަތީގައި އޮންނަ ވެސްޓް ބެންގަލް އަށް އަރާ، އެސްޓޭޓަށް ގެއްލުންތަކެއް ވެއްޖެއެވެ. ތޫފާނުގެ ސަބަބުން، އެސްޓޭޓުގެ އާއްމުންގެ އާއްމު ދިރިއުޅުމަށް ހުރަސް އެޅިފައިވާއިރު، ހަތް މީހަކުވަނީ މަރުވެފައެވެ.
ވެސްޓް ބެންގަލް އަށް، ބުލްބުލް ސައިކްލޯން އަރާ، އެންމެ ބޮޑެތި ގެއްލުންތައްވެފައިވަނީ އާދީއްތަ ދުވަހުއެވެ. އެދުވަހު، އެސަރަޙައްދަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހިފައިވެއެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ގަސް، މުލުން ލުހިގެން ވެއްޓިފައިވާއިރު، ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިހުރި ގިނަ އަދަދެއްގެ ކޭބަލް ދަނޑިތައްވެސް ވެއްޓިފައިވެއެވެ.
ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވަނީ، ވެއްޓުނު ގަސްގަހުގެ ދަށުވެ ބައެއް މީހުން މަރުވެފައިވާކަމަށެވެ. ހަމައެހެންމެ، މަގުމަތީގައި ޖަހާފައިހުރި ހޮޅިބުރިއެއް ވެއްޓި، ކަރަންޓުގައި ޖެހިގެންވެސް މީހަކު މަރުވެފައިވެއެވެ. ހަމައެހެންމެ، ފާރު ފާރުގެ ދަށުވެވެސް ބައެއް މީހުން މަރުވެފައިވެއެވެ.
ބުލްބުލްގެ ސަބަބުން، ގަޑިއަކު 135 މޭލު ބާރުމިނުގައި ވައިގަދަވެފައިވާއިރު، ބޭރަށް ނިކުމެ ނޫޅުމަށް ކަމާ ބެހޭ ފަރާތްތަކުން އިންޒާރު ދީފައިވެއެވެ. ހަމައެހެންމެ، އެންމެ ބޮޑަށް ގެއްލުން ލިބޭނެކަމަށް ބެލެވިފައިވާ ސަރަޙައްދުތަކުގައި އުޅެމުންދިޔަ މީހުން، ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވެސްވެއެވެ.
އިންޑިޔާ ފަހަނަ އަޅާ ބުލްބުލް ގޮސްފައިވާއިރު، މި ތޫފާނުގެ އަސަރު ބަންގްލަދޭޝް އަށްވެސް ކުރާނެއެވެ. މިކަމުން ރައްކާތެރިވުމަށް އެޤައުމުންވެސް ފިޔަވަޅުތަކެއް އަޅަމުންދާއިރު، ތުފާނުގެ ބާރު ދަނީ ދަށްވަމުންނެވެ.




