މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ޚިޔަނާތާ ގުޅޭ އިތުރު ތަޙުގީގު އޮޑިޓެއް ހެދުމަށް ބޭންކް އޮފް މޯލްޑިވްސްއިން ސިންގަޕޫރުގެ ޑިލޮއިޓް ކޮންސަލްޓެންސީ ފަރމަކާ ޙަވާލުކޮށްފިއެވެ.
މިއަދު ނެރުނު ނޫސްބަޔާނެއްގައި ބީއެމްއެލްއިން ވިދާޅުވީ ސިންގަޕޫރުގެ ކުންފުންޏަކާއި އެމަސައްކަތް ޙަވާލުކޮށްފައިވަނީ އެބޭންކަށާއި، މުޅި ޤައުމަށް އެންމެ ރަނގަޅު ގޮތަކީ މިނިވަން ފަރާތަކުން އެމައްސަލައިގެ ތަޙުގީގު ހިންގުންކަމަށް ފެންނާތީ ކަމަށެވެ.
ބޭންކުން ވިދާޅުވީ މިއީ ބޭންކް އޮފް މޯލްޑިވްސްގައި އަލަށް އެކުލަވާލި ބޯޑުން ބެންކަކީ އެންމެންގެ މެދުގައި އިތުބާރުހިފޭ ފަދަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން އެޅި މުހިއްމު ފިޔަވަޅެއްކަމަށެވެ. މިމަސައްކަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ބޭންކުގައި ޚިދުމަތްދޭއިރު މެދުވެރިވާ ހުރާސްތައް ކުޑަކޮށް އުސޫލުތައްބެލުމަށް ޚާއްސަ މަގާމެއްގެ ގޮތުން ޗީފް ރިސްކް އޮފިސަރެއްގެ މަގާމުވަނީ އުފައްދާފައެވެ.
މީގެއިތުރުން މިހާތަނަށް އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭގޮތުން ކުރި އެއްވެސް ތަޙުގީގެއްގައި ބޭންކުގެ އެއްވެސް އިޙުމާލެއް ފާހަގަވެފައިނުވާކަމަށާއި، ސިނގަޕޫރުގެ ކުންފުނިންގ ހަދާ މިއޮޑިޓަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ބޭންކުން ދޭނެކަމަށްވެސް ބީއެމްއެލުންވަނީ ވިދާޅުވެފައެވެ.
މިތަޙުގީގުގައި އެމްއެމްޕީއާރުސީއާއި އެޚިޔާނާތުގައި ހިމެނޭ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑާއެކު ހިންގާފާއިވާ މުޢާމަލާތްތައް ބަލާނެކަމަށް މިބަޔާނުގައި ވިދާޅުވެފައިވާއިރު، ޑިލޮއިޓް ކުންފުނިންގ ހިންގާ ތަޙުގީގަކީ ފޮރެންސިކް އޮޑިޓެއްކަމަށް ބޭންކުންވަނީ ވިދާޅުވެފައެވެ.



