ކުރިނބީ ސްކޫލްގެ ރަންޔޫބީލް ދުވުން ކާމިޔާބުކަމާއެކު ނިންމާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ސްކޫލްގެ ރަންޔޫބީލް ދުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ކުރިނބީ ސްކޫލްގެ ޕްރިންސިޕަލް ޙުސެއިން ނާޡިމް މިނޫހަށް ވިދާޅުވީ، "ގޯލްޑަން ޖުބްލީ ރަން" ގެ ނަމުގައި މިއަދު ހަވީރު 16:30 ގައި ފެށިގެން ކުރިއަން ގެންދިޔަ މިޙަރަކާތަކީ ކުރިނބީގެ ތަޢުލީމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުނު ޙަރަކާތެއްކަމަށެވެ.

ނާޡިމް ވިދާޅުވީ، މިއަދުގެ ޙަރަކާތުގެ މައިގަނޑުގެ މަޤްސަދަކީ އަންނަ އަހަރުގެ މާރޗް މަހު އެސްކޫލުން ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރަންޔޫބީލް ޖަލްސާއަށް ފަންޑް ރައިޒްކުރުން ކަމަށެވެ. އެގޮތުން މިދުވުމުގެ ބައިވެރިންނަށް ކުރިނބީ ސްކޫލުން ވަނީ ބިބްސް ވިއްކާފައެވެ. ދަރިވަރުންނަށް 25 ރުފިޔާއަށް ބިބްސް ވިއްކާފައިވާއިރު، އާންމުންނަށާއި، ބެލެނިވެރިންގެ ބިބްސް އުޅެނީ 50 ރުފިޔާއަށެވެ. އަދި ނައިސް ބިބްސްގެ ނަމުގައި 100 ރުފިޔާއަށްވެސް ބިބްސް ވިއްކާފައިވާނެކަމަށް ނާޡިމް ވިދާޅުވިއެވެ.

ބިބްސް ވިއްކައިގެން -/7000 ( ހަތްހާސް ) އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާނެކަމަށް ލަފާކުރެވޭކަމަށްވެސް ނާޡިމް ވިދާޅުވެފައިވާއިރު، މިއަދުގެ ދުވުމުގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާނެކަމަށްވެސް ނާޡިމްވަނީ ވިދާޅުވެފައެވެ.

ކުރިނބީގެ ތަޢުލީމަށް 50 އަހަރު ފުރުމުގެ މުނާޞަބަތު ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާއިރު، ޕްރިންސިޕަލް ނާޡިމް ވިދާޅުވީ، 19 މެއި 2019 ފެށިގެން 18 މެއި 2020 އަށް އެސްކޫލުން ހިންގާ ހަރަކާތްތަކުގެ ކުރިއަށް 'ރަންޔޫބީލް' ނުވަތަ 'ގޯލްޑަން ޖުބްލީ' މިލަފްޒު އިތުރު ކުރުމަށް ނިންމާފައިވާކަމަށެވެ.

މިއަދުގެ ދުވުމުގައި ބައިވެރި ހުރިހާ ފަރާތްތަކަށާއި، ދުވުމުގައި ބައިވެރި ނުވެވުނު ނަމަވެސް، ފަންޑް ރައިސް ކުރުމުގެ ގޮތުން ބިބްސް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކަށްވެސް ޕްރިންސިޕަލް ޙުސައިން ނާޡިމްވަނީ ޝުކުރު ދަންނަވާފައެވެ.

ރަންޔޫބީލްގެ ގިނަ ޙަރަކާތްތަކެއް ކުރިނބީ ސްކޫލްގައި މިހާތަނަށް ހިންގާފައިވާއިރު، އޭގެ ތެރޭގައި ރަންޔޫބީލް ޤުރުއާން މުބާރާތް، ރަންޔޫބީލް މަދަހަ މުބާރާތް، ގޯލްޑެން ޖުބްލީ ސްޕޯޓްސް ފެސްޓިވަލް އަދި ގޯލްޑަން ޖުބްލީ އިންގްލިޝް ޑޭ ފަދަ ހަރަކާތްތައް ހިމެނެއެވެ.

ކުރިނބީ ސްކޫލަކީ ކިޔެވުމުގެ ރޮނގުން ހދ. އަތޮޅުގައި ފާހަގަކޮށްލެވޭ ސްކޫލެއްކަމަށްވާއިރު، މިދިޔަ އަހަރު ޖީސީއީ އޯ ލެވެލް ހެދި ކުދިންގެ ތެރެއިން 5 މާއްދާއިން މަތިން 89 އިންސައްތަ ކުދިން ފާސްވެފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މިއަދަދު މިއަހަރު %90 އަށް އެރުވުމަކީ ސްކޫލްގެ އަމާޒެއްކަމަށްވެސް ޕްރިންސިޕަލް ނާޡިމްވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ