އަންނަ އެޕްރީލް ހަވަނަ ދުވަހު ބާއްވުމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ބޭނުންކުރާނެ ވޯޓު ކަރުދާސް ޕްރިންޓުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (ޢީސީ) އިން ފައްޓަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ ކުރެއްވި އިއުލާނެއްގައި ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ވޯޓުކަރުދާސް ޕްރިންޓު ކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ކުންފުނިތަކަށް މައުލޫމާތު ދިނުން އަންނަ ހޯމަ ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަނުގައި އޮންނާނެ ކަމަށާއި، އަންދާސީ ހިސާބު ހުށަހަޅަންޖެހެނީ މާރިޗު 10 ވަނަ ދުވަހުގެ 14:00 އަށް އެ ކޮމިޝަނަށް ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓު ކަރުދާހުގައި އޮޅުވާލުންތަކެއް އަދި ބިޑް ކުރުމުގައި ކޮރަޕަޝަނުގެ އަމަލުތަކެއް ހިންގިކަމުގެ ތުހުމަތު އިލެކްޝަންސް ކޮމިޝަނަށް ކުރެވުނެއެވެ. މި އިންތިހާބުގެ ވޯޓު ކަރުދާހާ ގުޅޭގޮތުން އިލެކްޝަންސް އިން ވިދާޅުވެފައިވަނީ، ވޯޓު ކަރުދާހުގައިވާ ސެކިއުރިޓީ ފީޗާގެ އިތުރުން، އިތުރު ޔަގީންކުރުމެއް ހިމެނުމަށްޓަކައި ކޮންމެ ވޯޓު ކަރުދާހެއްގައި އިލެކްޝަންސް ކޮމިޝަނުން ތައްގަނޑެއް ޖަހާނެ ކަމަށެވެ.
މި ތައްގަނޑު ޖެހުމުގެ ބޭނުމަކީ ވޯޓު ފޮއްޓަށް ލާ ވޯޓު ކަރުދާހަކީ ސައްހަ ވޯޓު ކަރުދާހެއްކަން، ވޯޓު ފޮށި ބަލަހައްޓާ މީހާއަށް ފަސޭހައިން ޔަގީންވާނެ ގޮތެއް ހެދުން ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.
ވޯޓު ކަރުދާހުގެ ޕްރިންޓިން މަސައްކަތް ކުރާ ތަނާއި ސެކިއުރިޓީ ރޫމުގައި ވޯޓު ކަރުދާސްތައް ބަހައްޓާ އިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓާނެ ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފައެވެ.