މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ތައްޔާރުކުރި ގުދަންތަކުގެ މަސައްކަތް ނިންމާލައިފި އެވެ.
ސެޕްޓެމްބަރު މަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން ތިލަފުއްޓަށް ކެމިކަލް ގުދަންތައް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާއިރު، އެމަސައްކަތް 60 ދުވަހުގެ ތެރެގައި ކޮށް ނިންމުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއެވެ.
ތިލަފުށީގައި ކެމިކަލް ގުދަން ހެދުމުގެ މަސައްކަތް އެސްޖޭއާ ހަވާލު ކުރީ މިދިޔަ އޮކްޓޯބަރު މަހުއެވެ. މިމަސައްކަތް ޙަވާލުކޮށްފައިވަނީ 9.5 މިލިއަން ރުފިޔާއަށެވެ.
އެއް ލައްކަ އަކަފޫޓުގެ ބޮޑު ބިމެއްގައި ގުދަންތައް ހެދީ ބޮޑު އެއް އިމާރާތެއްގެ ގޮތުގަ އެވެ. ގުދަންތައް ވަކި ކުރަނީ ކާގޯ ކޮންޓެއިނަރު ބަހައްޓައިގެންނެވެ.
މާލޭގައި ކެމިކަލް ރައްކާކުރާ 126 ގުދަން ހުންނަ ކަމަށާއި އޭގެ ތެރެއިން 82 ގުދަން ހުންނަނީ މީހުން ދިރިއުޅޭ އިމާރާތްތަކުގައި ކަމަށް ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާއިރު، ވަގުތުން ވަގުތަށް ތިލަފުއްޓަށް ބަދަލުކުރަންޖެހޭ 32 ގުދަނެއް ހުރި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެފައިވެއެވެ.
"وما توفيقي الا بالله" ﷲގެ ތަނަވަސް ރަޙްމަތާއިއެކު 37 ދުވަސްތެރޭގައި ގަދަވަޔާއި ވިއްސާރައިގައި މަސައްކަތްކޮށް، މާލޭގައި ހުރި ކެމިކަލް ގުދަންތަށް ބަދަލުކުރުމަށް ޤާއިމްކުރާ ގުދަނުގެ މަސައްކަތް ނިންމައި، މާދަމާ @GMIZL އާއިހަވާލު ކުރެވޭނެ.@Mmgibu @cnm_mv @avasmv @saudullaahmed1 pic.twitter.com/PB4JxKhTf0
— SJ Construction (@sjgroup_mv) November 16, 2019
ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ގަދަ ވަޔާއި ވިއްސާރައިގައި، 37 ދުވަސް ތެރޭގައި ތިލަފުށީގައި ކެމިކަލް ގުދަންތައް ހަދައި ނިންމާފައިވާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އެ ގުދަންތައް ޖީއެމްއައިޒެޑްއާ ހަވާލު ކުރާނެ ކަމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ވިދާޅުވިއެވެ.
މިޢިމާރާތުގައި 17 ކުދި ގުދަނާއި 17 ބޮޑެތި ގުދަން ހިމެނޭއިރު، ކުދި ގުދަންތަކުގައި 500 އަކަ މީޓަރު އަދި ބޮޑެތި ގުދަންތަކުގައި 1000 އާއި 800 އަކަމީޓަރު ހިމެނޭނެ ކަމަށްވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އެކުންފުނިންގ ވިދާޅުވީ، މިގުދަންތަކުގައި ފަޔާ ސިސްޓަމާއި، އެލާމް ސިސްޓަމް މިހާރު ހަރުކޮށް ނިންމާފައިވާކަމަށާއި އަދި އެމްއެންޑީއެފް އިން ހަދަންޖެހޭ އިންސްޕެކްޝަން ވެސް ނިމިފައިވާކަމަށެވެ.



