ކެމިކަލް ރައްކާކުރަން ތިލަފުށިން ގުދަން ދޫކުރަނީ

ކެމިކަލް ރައްކާކުރަން ކ.ތިލަފުށިން ވެއަރހައުސް ޔުނިޓް ކުއްޔަށް ދިނުމަށް ނިންމައި، 'ކެމިކަލް އަދި ނުރައްކާތެރި މުދާ ގުދަންކުރުމަށް އެދި ހުށަހަޅާ ފޯމް" ހުށަހެޅުމުގެ ފުރުޞަތު، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ހުޅުވާލައިފިއެވެ.

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން އިއްޔެ ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ މާލޭގައި ހިގާދިޔަ ނުރައްކާތެރި އަދި ހިތާމަވެރި އަލިފާނުގެ ޙާދިސާއާއި ގުޅިގެން އެންމެހައި ފަރާތްތަކަށް ރައްކާތެރި ވެއްޓެއް ޤާއިމްކޮށްދިނުމުގެ މަޤްސަދުގައި، މާލޭގައި ހުރި އެންމެހައި ނުރައްކާތެރި ކެމިކަލް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ނިންމަވާފައިވާތީ، އެކަންކަން ތަންފީޒު ކުރުމަށްޓަކައި 21 ސެޕްޓެމްބަރ އިން ފެށިގެން ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކާއި ގުޅިގެން އެކުންފުނިން މަސައްކަތްކުރަމުން ދާކަމަށެވެ.

"ކ.ތިލަފުށީގައި ވަކި ސަރަހައްދެއް ކެމިކަލް ރައްކާކުރުމަށްޓަކައި ކަނޑައެޅި ވެއަރހައުސިންގ ޔުނިޓްތަކެއް ޤާއިމުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މިކުންފުނިން ކުރަމުންދާކަމަށް ދަންނަވަން." ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ވިދާޅުވިއެވެ.

ކެމިކަލް ރައްކާކުރުމަށް ބިން ހޯދަން ބޭނުންވާ ފަރާތްތަކުން އެކަމަށް ހުށަހަޅަން ޖެހޭ ފޯމް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ވެއެވެ.

"ވެއަރހައުސް ޔުނިޓްތައް މިވަގުތު ކުއްޔަށްދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެވޭނީ މިވަގުތު ކެމިކަލް ގުދަންކުރަމުން ގެންދާ ފަރާތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި މުދާ މިވަގުތު ގުދަންކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަން." ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ވިދާޅުވިއެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ހޮޓްލައިން ނަންބަރު 7957601 އަށް ގުޅުއްވުމަށް އިއުލާނުގައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ