ސ. މަރަދޫ ބަނދަރުގެ ބޭރު ތޮށި ހެދުމުގެ މަޝްރޫޢު އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހް އިއްޔެ އިފްތިތާޙް ކޮށްދެއްވައިފިއެވެ.
ހަސަން ޝާހް، ސ. މަރަދޫ ބަނދަރުގެ ބޭރު ތޮށި ހެދުމުގެ މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ، މި ކަމަށްޓަކައި ސ. މަރަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރގެ ފަރާތުން 28،247،365.48 ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 30 ޖޫން 2019 ގައެވެ.

މިމަޝްރޫޢުގެ ދަށުން ބޭރު ތޮށީގެ ބަނދަރު ފަޅީގައި 276 މީޓަރަށް އެލް ބްލޮކް ޖައްސައި، އަދި މޫދާވީ ފަރާތަށް 340 މީޓަރަށް ބޮޑު ހިލަ ޖެހުން ހިމެނެއެވެ. އަދި އެއްގަމު ތޮށިން ބޭރު ތޮށްޓަށް އެރުމަށް 140 މީޓަރުގެ ފާލަމެއް އެޅުމަށް ހިމެނޭއިރު، ބޭރުތޮށީގައި ގައު އެތުރުމާއިއެކު ބަނދަރު ބައްތި ޖެހުންވެސް ވަނީ ހިމެނިފައެވެ.
މި ރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިންނާއި މަރަދޫގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އައްޑޫ ސިޓީގައި ގައި ހަތް މަޝްރޫޢުއެއްގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައެވެ. އެ މަޝްރޫޢުތަކަކީ ބަނދަރު
ހެދުމުގެ ތިން މަޝްރޫޢުއާއި، މަގު ހެދުމުގެ އެއް މަސްރޫޢުއާއި، ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމުގެ ދެ މަސްރޫޢުއާއި އަދި ސިވަރޭޖް ފެސިލިޓީސް ޤާއިމްކުރުމުގެ އެއް މަޝްރޫޢުއެވެ.



