ޢަބްދުﷲ ޖާބިރު (ކ)، ރައީސް ޞޯލިޙް (ވ)

މިއަދަކީ ރައީސް ޞާލިޙް އިސްތިއުފާ ދެއްވަންޖެހޭ ދުވަސް - ޖާބިރު

އަދުގެ ސަރުކާރަށް އަހަރު ފުރިފައިވާ ކަމަށާއި، މިއަދަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ދުވަސް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު، ޑީއާރުޕީ ލީޑަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ 67 ވަނަ ޖަލްސާގައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމާ ގުޅޭ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން ދާދި ދެންމެއެވެ.

"އިބްރާހީމް މުޙައްމަދު ޞޯލިޙް ދެކެ މި މަޖިލީހުގެ މެންބަރުން ބިރުގަންނާކަށް ނުޖެހޭނެ. އޭނާގެ ވެރިކަމަށް އެއް އަހަރު ފުރުނީ، އޭނާ އިސްތިއުފާ ދޭނެ. މިއަދު [މިއީ] އޭނާ އިސްތިއުފާ ދެއްވަންޖެހޭ ދުވަސް." މަޖިލީހުގެ ކޮމެޓީތައް ހިނގަނީ ރައީސް ޞޯލިޙް ބޭނުންފުޅުވާގޮތަށް ކަމަށް ވިދާޅުވެ ފާޑުވިދާޅުވަމުން ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ރައީސް ޞޯލިޙް ވެރިކަމަށް ގެނައީ ކުރު މުއްދަތަކަށް ކަމަށާއި، އެވެސް ކަންކަން އިސްލާހުކޮށް އިންތިޚާބެއް ބާއްވާ ގޮތަށް ކަމަށެވެ.

"އިއްޒަތްތެރި މަނިކުފާނަށް އެކަން އެނގިވަޑައިގަންނަވާނެ ތާ އުމުރަށް ވެރިކަމުގައި ހުންނަ ގޮތަށް ނޫންކަން އަޅުގަނޑުމެން އޭނަ ގެނައީ. އަދި ވަގުތީގޮތުން އިންތިޚާބުގައި ބައިވެރިވި ހުރިހާ އެންމެން ތާށިކޮށް ބައިތިއްބާފައި އޭނާ ވެރިކަމަށް އައީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަންކަން މިނިވަންކޮށް ރާއްޖޭގައި އިންތިޚާބެއް ބާއްވާނެކަމަށް ވައުދުކޮށްގެން." ރިޔާސަތުގައި އިންނެވި ރައީސް ނަޝީދަށް މުހާޠަބުކޮށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއިން ކަންކަން ނިންމަނީ ރައީސް ޞޯލިޙް ބޭނުންފުޅުވެލައްވާ ގޮތަށް ކަމަށް ދޭހަވާގޮތަށް ޖާބިރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ