ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ - ފޮޓޯ: ރައީސް އޮފީސް

ބަޑިޖަހަން އެނގުމަކީ ޑިފެންސް މިނިސްޓަރުގެ މަސްޢޫލިއްޔަތެއް ނޫން - މާރިޔާ

ބަޑިޖަހަން އެނގުމަކީ ޑިފެންސް މިނިސްޓަރުގެ މަސްޢޫލިއްޔަތެއް ނޫންކަމަށް މިނިސްޓަރ އަލްއުސްތާޛު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އިންޑިއާއަށް ރާއްޖެ ހިފިދާނެކަމަށް އިންޑިއާގެ ނޫހެއްގައި ވިދާޅުވުމާއި ގުޅިގެން މަޖިލީހަށް ހާޒިރުކުރުމުން އެކަމާ މެދުގައި ޖަވާބުދާރީވަމުންނެވެ.

މާރިޔާ ވިދާޅުވީ، މިނިސްޓަރު ކަމުގައި ހުންނަވާއިރު އެންމެ ބޮޑަށް ހިތަވަރު ދެއްވަނީ ދިވެހި ލަސްކަރިއްޔާގެ ސިފައިން ކަމަށާއި، ބޭނުންފުޅުވަނީ ދިވެހި ޤައުމަކީ ބާރުގަދަ ޤައުމެއްގެ ގޮތުގައި ބޭއްވުން ކަމަށެވެ.

"ގައުމު އުފެދިފައިވާ ގޮތުން އަޅުގަނޑުމެންގެ އަސްކަރިއްޔާ ވާންޖެހެނީ ޤާބިލުކަންހުރި ވަރުގަދަ އަސްކަރިއްޔާއަކަށް، އެހެނީ އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤްލާލު ގުޅިފައިވަނީ އަސްކަރިއްޔާގެ ވަރުގަދަކަމާއި، ޤާބިލުކަމާ.

"އާދެ ބަޑިޖަހަން އެނގުމަކީ ޑިފެންސް މިނިސްޓަރުގެ މަސްޢޫލިއްޔަތެއް ނޫން. ނަމަވެސް އަސްކަރިއްޔާ ބާރުގަދަ ވާނެގޮތަށް ސިޔާސަތުތައް ބައްޓަންކުރުމަކީ މިނިސްޓަރުގެ ވާޖިބެއް." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، މިނިސްޓަރުކަމުގައި ހުންނަވައިގެން ކުރައްވަނީ އެމަސައްކަތް ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ކުރައްވާނީ އެމަސައްކަތް ކަމަށެވެ.

"އަޅުގަނޑުގެ ދައުރަކީ ޤައުމުގެ އަސްކަރިއްޔާއަކީ ވަރުގަދަ އަދި ބޭނުންތެރި މި ޖަޒީރާ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގެ ޤާބިލުކަން ލިބިފައިވާ އަސްކަރިއްޔާއެއްގެ ގޮތުގައި ބައްޓަންކުރުން." މާރިޔާ ވިދާޅުވިއެވެ.

އިންޑިއާގެ ނޫހުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ފަރާތްތަކުގެ ކިބައިން މިނިސްޓަރު ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ