މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ 65 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ރަސްމިއްޔާތު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ހޮނިހިރު ދުވަހު، ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ، ދިވެހި ސިފައިންގެ މައިންބަފައިންނަށާއި އާއިލާތަކަށް، ޚާއްޞަ ޝުކުރެއް ރައްދުކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، ނުހަނު ލޯބިން ބަލާބޮޑުކުރާ ދަރިފުޅު، ދީނާއި ޤައުމުގެ ދިފާޢުގައި، ހަށިގަނޑާއި ފުރާނައިން ޤުރުބާންވުމަށް، ހަދިޔާކުރާ ކުރުން ދަޢުލަތުން ބަލައިގަންނަނީ، ނުހަނު ޝުކުރުވެރިކަމާއި އިޙްތިރާމާ އެކީގައި ކަމަށެވެ.
ސިފައިންގެއާ އަލަށް ގުޅުނު ސިފައިންނާ މުޚާތަބު ކުރައްވަމުން، މިނިސްޓަރ މާރިޔާ ވަނީ އަސްކަރީ ޔުނިފޯމާ ގުޅިފައިވާ މަތިވެރި ވާޖިބުތަކާ ޒިންމާތަކުގެ މަތިން ހަނދާންކޮށްދެއްވާފައެވެ. މިގޮތުން، އަސްކަރީ ޔުނިފޯމް ލުމަށްފަހު، ކޮންމެ ކުއްޖެއްގެ އަމިއްލަ ފަރުދީ ޝަޚްޞިއްޔަތުގެ މައްޗަށް އިސްވާނީ، އޭނާއަކީ ދިވެހި ޤައުމީ ދިފާޢީ ބާރަށް ނިސްބަތްވާ ދިވެހި ސިފައިންގެ މީހެއްކަމުގައި ވާކަން ކަމަށް، މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، ޖެނެރަލް އޮފިސަރުންނާއި، ސިފައިންގެ އެކި ރޭންކުތަކުގެ އޮފިސަރުންގެ އިތުރުން، އަސާސީ ތަމްރީން ކޯސް ފުރިހަމަކުރި ސިފައިންގެ އާއިލާތަކުގެ މެންބަރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.




