ތިލަދުންމަތީ ދެކުނުބުރީ ކުރިނބީގައި އަޅަން ފަށާފައިވާ ކުޑަ ސައިޒުގެ ފުޓްސަލް ދަނޑުގެ ބަދަލުގައި އަލުން ފުޓްސަލް ދަނޑެއް ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި މިއަދު މެންދުރުފަހު ކުރިނބީ ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މި މަސައްކަތް ހާވިލާ ކާޕެންޓްރީ އެންޓް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ، މަސައްކަތު ސައިޓް ހަވާލުކުރާ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނާ 118 ދުވަހުން، 1،388،841ރ (އެއްމިލިއަން ތިންލައްކަ އަށްޑިހަ އަށްހާސް އަށްސަތޭކަ ސާޅީސް އެއްރުފިޔާ) އަށް ނިންމުމަށެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ކުރިނބީ ކައުންސިލްގެ ފަރާތުން، ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް ސޮއި ކުރެއްވިއިރު، ހާވިލާ ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ވެރިޔާ މުޙައްމަދު ސަލީމްއެވެ.

ވޭތުވެދިޔަ ސަރުކާރުގައި ކުރިނބީގައި އަޅަންފެށި ކުޑަ ސައިޒުގެ ފުޓްސަލް ދަނޑުގެ މަސައްކަތް ސަރުކާރު ބަދަލުވުމާއެކު ހުއްޓިފައިވާއިރު، މި ސަރުކާރުން ފަހުން ނިންމާފައިވަނީ ވަށާފާރު ރާނައި، ޕޭވްމަންޓް ނިންމައި ބިންގަނޑު ލެވެލްކޮށްފައިވާ އެ ދަނޑު ތަޅާލުމަށްފަހު ނަގައި ބޮޑު ސައިޒުގެ ދަނޑެއް އެޅުމަށެވެ.

ކުރިނބީ ފުޓްސަލް ދަނޑު، ކުރިނބީ ޒުވާނުން ބޭނުންވާ ގޮތަކަށް ހަދައި ނިންމައިދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ގެ ކެމްޕޭނުގެ ތެރޭގައި ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރިނބީ ޒުވާނުންނަށް ވެލައްވާފައިވާ ވައުދެކެވެ.
މި މަސައްކަތް ކުރު މުއްދަތެއްގައި ނިންމުމަށް ހަވާލުކުރި ހާވިލާ ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނަކީ އެރަށުގައި އަދި ހދ. އަތޮޅުގައި ހިނގާފައިވާ އިމާރާތްކުރުމުގެ މަޝްރޫއުތައް ރަނގަޅު ފެންވަރެއްގައި ކާމިޔާބުކަމާއެކު ނިންމައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.



