ވާހޯކްސްއިން ކުރިނބީ ކައުންސިލް ކަޕްގެ ތަށި މިލްކުކޮށްފި

ވާހޯކްސްއިން ކުރިނބީ ކައުންސިލް ކަޕްގެ ތަށި މިލްކުކޮށްފިއެވެ. މުބާރާތުގެ ތަށި ވާހޯކްސް މިފަހަރު އުފުލާލާފައިވަނީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ.

ތިލަދުންމަތީ ދެކުނުބުރީ ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ފޯރިގަދަ މިމުބާރާތުގެ ފައިނަލް މެޗު މިއަދު ކުޅެވިގެންދިޔަރު، އެފްސީ ރައިނޯސްއާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު ވާހޯކްސްއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ވާހޯކްސްގެ ޖާރޒީ ނަންބަރު 10 މުޙައްމަދު އަނާނުއެވެ. އަނާނުގެ ފަރާތުން މިމުބާރާތުގައި މޮޅުކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށްވެސް ހޮވިފައިވަނީ އަނާނުއެވެ. އަދި މުބާރާތުގައި ކާމިޔާބުކުރި 4 ލަނޑާއެކު މިމުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމުވެސް އަނާނުވަނީ ހޯދާފައެވެ.

މެޗުގެ ފަހުވަގުތާއި ހަމައަށްވެސް ދެޓީމުގެ ފަރާތުންވެސް ޝައުޤުވެރި، މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ދެޓީމަށްވެސް ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ ވާހޯކްސްގެ ކީޕަރު މުޙައްމަދު ވިޝާހްއެވެ. ވިޝާހްވަނީ ނުރައްކާތެރި އެތަކެއް ސޭވްތަކެއް މިމުބާރާތުގައި ކޮށްފައެވެ. ވިޝާހްގެ ކޮޅަށް ވަދެފައިވަނީ އެންމެ ދެލަނޑެވެ.

މުބާރާތުގައި ހޮވުނު އެހެން މަޤާމުތަކަށް ބަލާލާއިރު، އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ރައިނޯސްގެ ސިނާން މޫސާއެވެ. އަދި އެންމެ އަޚްލާޤު ރަނގަޅު ކުޅުންތެރިއަކަށް ހޮވުނީ ވާހޯކްސްގެ ޙުސައިން ސަނީޒްއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:

  • މުޙައްމަދު އާދަމް - އެފްސީ ރައިނޯސް
  • މުޙައްމަދު އަފްޟަލް - އެފްސީ ރައިނޯސް
  • އަޙްމަދު މުޖުތަބާ - ވާހޯކްސް
  • ޙުސައިން އިޔާޒް - އެފްސީ ސަރވައިވާސް
  • ޢަބްދުﷲ ވަސީމް - އެފްސީ ސަރވައިވާސް

މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުން ދެއްވީ، ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާހް، ކުރިނބީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު ޢަލީ ޒިޔާދު އަޙްމަދު އަދި ކުރިނބީ ސްކޫލްގެ އެޑްމިނިސްޓްރޭޓަރ މުޙައްމަދު ފަޔާޟްގެ އިތުރުން ހދ. އަތޮޅު ކައުންސިލްގެ މެންބަރު ޙުސައިން ހަސަންއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ