15 ވަނަ ކުރިނބީ ކައުންސިލް ކަޕް ފަށައިފިއެވެ.
ތިލަދުންމަތީ ދެކުނުބުރީ ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ފޯރިގަދަ މިމުބާރާތުގެ ފުރަތަމަ މެޗު މިއަދު ކުޅެވިގެން ދިޔައިރު މިމެޗުގައި ބައްދަލުކޮށްފައިވަނީ އެފްސީ ސަރވައިވާސް އަދި އެފްސީ ރައިނޯސްއެވެ. 0-0 ގެނަތީޖާއަކުން އެއްވަރުވި މިމެޗުގައި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ދެޓީމަށްވެސް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރައިނޯސްގެ ފަރާތުން ފެނު ޙަމަލާތައް އިތުރު ނަމަވެސް މެޗުގެ ދެވަނަ ހާފުގައި އޮއިވަރު މުޅިން ބަދަލުވެ، ސަވައިވާސްއިން ޙަމަލާތައް ވަރުގަދަ ކުރިއެވެ. ނަމަވެސް ކީޕަރު ޓެސްޓް ކޮށްލެވޭފަދަ ޙަމަލާއެއް އެއްވެސް ޓީމަކަށް މިއަދުގެ މެޗުގައި އުފެއްދިފައެއް ނުވެއެވެ.
މިއަދުގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ރައިނޯސްގެ ޖާސީ ނަންބަރު 19 މުޙައްމަދު އާދަމް (ކުއްޑެ) އެވެ.

މިފަހަރުގެ މުބާރާތުގައި ޖުމްލަ 3 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ދެބުރަކަށެވެ. އަދި ހުރިހާ މެޗެއް ނިމުމުން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ ދެޓީމު ފައިނަލް ކުޅޭ ގޮތަށެވެ. މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް -/15000 (ފަނަރަ ހާސް) ރުފިޔާގެ ފައިސާއެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.
ކުރިނބީ ޒުވާނުންގެ މެޗުގައި ކުޅިވަރުގެ ރޫޙާއި އެކުވެރިކަން ޢާލާކުރުމުގެ މަޤްސަދުގައި މީގެ 15 އަހަރު ކުރިން ކުޅެންފެށި މިމުބާރާތް ފުރަތަމަ އިންތިޒާމްކޮށްފައިވަނީ އެރަށުގެ ޖަމްޢިއްޔާއެއްކަމަށްވާ ކުރިމަގު ޖަމްޢިއްޔާއިންނެވެ. އޭރު މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ "ދޮން އީސާ ކަޕް" ގެ ނަމުގައެވެ.

ކުރިނބީ ކައުންސިލުން ޙަވާލުވެ، ރީބްރޭންޑް ކުރުމަށްފަހު "ކުރިނބީ ކައުންސިލް ކަޕް" ގެ ނަމުގައި މުބާރާތް ފެށިފައިވަނީ 2015 އަހަރުއެވެ. މިމުބާރާތުގެ ވޭތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަންއަކީވެސް ވާރހޯކްސްއެވެ.
މިމުބާރާތުގެ މެޗެއް މާދަމާވެސް ކުޅުމަށް ހަމަޖެހިފައިވާއިރު، މިމެޗުގައި ބައްދަލުކުރާނީ އެފްސީ ރައިނޯސް އަދި އެންމެފަހުގެ ޗެމްޕިއަން ވާރހޯކްސްއެވެ.




