ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަފުދެއް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ހިމެނިވަޑައިގަންނަވައެވެ.
06 ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރު ފުޅުގައި މަޖިލީހުގައި ބައިވެރިވާ ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ. މިވަފުދުގައި މަޖިލީހުގެ 15 މެންބަރަކު ހިމެނިވަޑައިގަންނަވައެވެ.
އިއްޔެ ބޭއްވުނު މަޖިލީހުގެ 77 ވަނަ ޖަލްސާގައި އިންޑިއާގެ ޤާނޫނުހަދާ މަޖިލިސް (ލޮކް ސަބާ) އާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ވެވޭ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ސޮއިކުރެއްވުމަށްޓަކައި މަޖިލީހުން ވަނީ ފާސްކުރައްވާފައެވެ.
ދާދި ފަހުން ވެސް މަޖިލީހުގެ މެންބަރުންތަކެއް ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރާތްކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދަޢުރުގައި ވަނީ މުހިންމު ގިނަ މަސައްކަތްތަކެއް މަޖިލީހުން ކުރައްވާފައެވެ.



