7 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކޮށްފިއެވެ.
މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރުތައް ހެދުމުގެ މަޝްރޫއޫ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިބަނދަރުތައް ހެދުމުގެ މަސައްކަތަށް 255 މިލިއަން ރުފިޔާއަށްވުރެ ގިނަ ގައިން ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވެއެވެ. މިއެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީ.އޯ.އޯ ޝާހިދު ޙުސެއިން މޫސާއެވެ.
މުޅިން އަލަށް ދެ ރަށެއްގެ ބަނދަރު ޑިޒައިންކޮށް ހެދުމަށް ހަވާލުކޮށްފައިވާއިރު، ފަސް ރަށެއްގައި ބަނދަރު އަޕްގްރޭޑް ކުރަން ވަނީ ހަވާލުކުރެވިފައެވެ.
އެމް.ޓީ.ސީ.ސީއާއި ހަވާލުކުރި މަޝްރޫޢުތައް:
- އދ. މަންދޫ ބަނދަރު ހެދުން : 37 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 330 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް
- ނ. ލަންދޫ ބަނދަރު ހެދުން : 35 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް
- ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑްކުރުން : 31 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް
- ށ. ޅައިމަގު ބަނދަރު އަޕްގްރޭޑްކުރުން : 56 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 480 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް
- ރ. ރަސްމާދޫ ބަނދަރު އަޕްގްރޭޑްކުރުން : 19 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް
- ފ. ދަރަނބޫދޫ ބަނދަރު އަޕްގްރޭޑްކުރުން : 38 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 397 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް
- ދ. ހުޅުދެލި ބަނދަރު އަޕްގްރޭޑްކުރުން : 39 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 362 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް
ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް މިސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގަމުންދާއިރު، އަންނަ އަހަރުގެ ބަޖެޓުގައިވެސް ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ޕީ.އެސް.އައި.ޕީގެ ތެރެއިން 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ވަނީ ހިމަނާފައެވެ.




