ހަރުކަށި ފިކުރުގެ ނުރައްކަލުން ޤައުމު ސަލާމަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ،ކްރޮސް ރޯޑްސްގައި ކުރިއަށް ގެންދިޔަ "ފިއަވަތި" މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް ދައުވަތު ދީގެން ކުރިއަށްދިޔަ މިމަހާސިންތާގައި ކައުންސިލަރުންނާއި މުޚާތަބްކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޓެރަރިޒަމްގެ ވާހަކަޔަކީ ނުދައްކައި ސިއްރުކޮށްފައި ބޭއްވޭވަރަށް ވުރެ މާ ނުރައްކާތެރި ކަމެއްކަމަށާއި، ހަރުކަށި ފިކުރުު އޮތް މިންވަރު ދައުލަތުގެ ސިއްރެއްގެ ގޮތުގައި ބާއްވައިގެން ގައުމަށް ލިބޭނެ ފައިދާއެއް ނެތް ކަމަށެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވިއިރު ހަރުކަށި ފިކުރުގައި ޖެހިފައި ތިބި ގާތްގަނޑަކަށް 1400 އެއްހާ މީހުން އުޅޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ.
އަދި ރައީސް ވިދާޅުވީ، ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ދިވެހި ސަރުކާރާއި، ސަލާމަތީ ބާރުތަކުން ފަސްނުޖެހޭނެކަމަށެވެ. މީގެއިތުރުން ޤައުމަށް ދިމާވެފައިވާ މިކުރައްކަލުން ރައްޔިތުން ސަލާމަތްކޮށްދީ ސުލްޙަވެރި މާޙައުލެއް ހޯއްދަވައި ދެއްވާނެކަމުގެ ޔަޤީންކަށްވެސް މިމަހާސިންތާގައި ރައީސް ދެއްވާފައިވެއެވެ.



