އަންނަ އަހަރުން ފެށިގެން އޮކްޓޫބަރު 22 ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ނިންމައިފި

އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ.

މިގޮތަށް ކަނޑައެޅުއްވީ، ޒުވާނުންގެ ދުވަސް ފާހަގަކުރައްވާނެ ތާރީޚެއް ކަނޑައެޅުއްވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގެ މައްޗަށް ރިޢާޔަތް ކުރެއްވުމަށްފަހުގައެވެ.

22 އޮކްޓޫބަރަކީ މީގެ 12 އަހަރު ކުރިން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން، ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީޚީ ދުވަހެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤަކީ ޒުވާނުންނަށް ލިބިފައިވާ ވަރަށް މުހިންމު ޙައްޤެއްކަން ފާހަގަކުރެއްވިއެވެ. އަދި މިކަން މިހެން އޮތުމާއެކު، ޒުވާނުންގެ ދުވަސް ފާހަގަކުރުން އެންމެ އެކަށީގެންވާ ދުވަހަކީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ޤާނޫނުއަސާސީގެ އެ މާއްދާ ފާސްކުރެއްވި ދުވަސް ކަމަށާއި، އޭރު އެގޮތަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްވެގެންދިޔައީ، ޚާއްޞަ މަޖިލީހުގެ މެންބަރުން ވެވަޑައިގެންނެވި ޤުރްބާނީއާއި، ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކުގައިވެސް ދޫނުދެއްވައި ކުރެއްވި ބުރަ މަސައްކަތްތަކުގެ ނަތީޖާގެ ސަބަބުންކަން މެންބަރުން ފާހަގަކުރެއްވިއެވެ.

މީގެކުރިން ޒުވާނުންގެ ދުވަސް ފާހަގަކުރައްވަމުން ގެންދެވި ތާރީޚު، އެކިފަހަރުމަތިން ވަނީ ބަދަލުކުރައްވާފައެވެ. މިގޮތުން، އެންމެ ފުރަތަމަ ޤައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރައްވާފައިވަނީ 1 މާރިޗު 1992 ގައެވެ. އޭގެފަހުން ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް އެއީ ރާއްޖޭގެ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްވަމުން ގެންދެވިއެވެ. އަދި ފަހުން މި ދުވަސް ފާހަގަކުރައްވަމުން ގެންދަވާފައިވަނީ ނޮވެންބަރު މަހުގެ
17 ވަނަ ދުވަހުއެވެ.

2020 ވަނަ އަހަރުން ފެށިގެން ޒުވާނުންގެ ދުވަހަކީ، އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަސް ކަމަށް ނިންމެވުމާ ގުޅިގެން، އަންނަ އަހަރު އެ ދުވަސް ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރެއްވުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގެވުމަށްވެސް ވަނީ ނިންމަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ