ޒުވާނުން ވިޔަފާރިއަށް އަހުލުވެރިކުރުވުމަށް ރާއްޖޭގެ 12 ސަރަހައްދެއްގައި ބިޒްނަސް ކޭންޕުތަކެއް

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވަނީ ރާއްޖޭގެ 12 ސަރަހައްދެއްގައި "ވުނާރި: ބިޒްނަސް ކޭންޕް" ގެ ނަމުގައި ޒުވާނުން ވިޔަފާރީގެ މާހައުލަށް އަހުލުވެރިކުރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ބީސީސީގެ މެނޭޖަރ ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް ރީޖަނަލް ސަރވިސަސް ހުސައިން ނުވާސް ވިދާޅުވި ގޮތުގައި މި ހަރަކާތް އަމާޒުކޮށްފައިވަނީ 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި ރާއްޖޭގެ އުތުރުން ފެށިގެން ދެކުނާ ހަމައަށް ކުރިއަށްގެންދިޔަ މި ހަރަކާތްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އިވެންޓްގެ މައިގަނޑު އެއް މަޤްސަދަކީ ޒުވާނުން ވިޔަފާރީގެ މައިދާނަށް ނެރުން. މި އިވެންޓާއި އެހެން އިވެންޓާއި ތަފާތުވާ މައިގަނޑު ސަބަބަކީ މި އިވެންޓު ބޭއްވިގެން މިދިޔައީ ޒުވާނުން ޝައުގުވެރިވާ ކަންތައްތަކެއްގެ ތެރެއިން ޒުވާނުން ވިޔަފާރީގެ ތެރެއަށް ވެއްދުމަށް," ނުވާސް ވިދާޅުވިއެވެ.

މި ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ ގޮނޑުދޮށު ސަރަހައްދުގައެވެ. މީގެ މަޤްސަދަކީ ދިވެހިންނަކީ މުއްސަނދި ތިމާވެއްޓެއް އޮތް ގައުމެއްގެ ރައްޔިތުންކަން ޒުވާނުންނަށް އަންގައިދީ، ކުޅިވަރުތަކުގެ ތެރެއިން ވިޔަފާރީގައި ހުންނަ ކަންކަމަށް އަހުލުވެރިކުރުވުން ކަމަށް ބީސީސީން މަޢުލޫމާތު ދެއްވިއެވެ.

ބީސީސީން ފާހަގަކުރި ގޮތުގައި މިއީ ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޒުވާނުން ވިޔަފާރިއަށް ޝައުގުވެރިކުރުވުމަށްޓަކައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އަދި މިވަގުތު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ޒުވާނުންގެ ހިއްސާ އޮތީ 20 ޕަސެންޓުގައި ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ