އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިނިމަމް ވޭޖު ކަނޑައެޅިގެން ދާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެލް.އޯ) އަށް 100 އަހަރު ފުރޭ ސެންޓީނެރީ ފާހަގަކުރުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅިގެންދާއިރު ރާއްޖޭގެ މުޅި އިޤުތިޞާދަށާއި އިޖްތިމާޢީ ފޭރާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. ވަގުތުން ވަގުތަށްވެސް މިނިމަމް ވޭޖު ކަނޑައެޅެން އޮތްނަމަވެސް އެކަން މަޑުޖައްސާލާފައި އޮތީ އެހެންވެ ކަމަށާއި ރައްޔިތުންގެ ބަހެއް ހޯދާފައި މެނުވީ އެފަދަ ނިންމުމެއް ނުނިންމާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމަށް އައިއެލްއޯ އާއި ސެލެރީ އެންޑް ވޭޖަސް އެޑްވައިޒަރީ ބޯޑުން ކުރި ދިރާސާތައް ނިމި އެކަމާ ގުޅޭ ރިޕޯޓުތައް މިހާރު ލިބިފައިވާ ކަމަށާއި ރިޕޯޓުތައް ވީހާ ވެސް އަވަހަށް ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަކީ މިސަރުކާރުގެ ވައުދެކެވެ.