މޯލްޑިވްސް އިމިގްރޭޝަނުން ކޯލް ސެންޓަރުގެ ޙިދުމަތް ދޭން ފަށައިފި

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ކޯލް ސެންޓަރުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މިޚިދުމަތް ތައާރަފް ކުރުމުގެ ގޮތުން، އިމިގްރޭޝަންގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ކޯލް ސެންޓަރުގެ ޚިދުމަތް އިފްތިތާޙު ކޮށްދެއްވީ އޮނަރަބަލް މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. ކޯލް ސެންޓަރު މެދުވެރިކޮށް އިމިގްރޭޝަނުން ދެމުންގެންދާ ހުރިހާ ޚިދުމަތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

އިމިގްރޭޝަނުގެ ކޯލް ސެންޓަރުގެ ނަންބަރަކީ 1431 އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޯލް ސެންޓަރެއް ހުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙުމަދު ޙުސެއިން ވިދާޅުވީ، ކޯލް ސެންޓަރެއްގެ މުހިންމުކަން އެންމެ ރަނގަޅަށް އިޙުސާސް ކުރެވޭނީ މަޢުލޫމާތު ހޯދުމަށް ގުޅާ ފަރާތްތަކަށް ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު އެކަށީގެންވާ ގޮތުގައި ނުލިބޭކަމުގެ ޝަކުވާ އަބަދުވެސް ލިބޭކަމަށާއި، މިއަދަކީ ރައްޔިތުންގެ އެހުރިހާ އުދާސްތަކަށް ތަސައްލީއެއް ލިބިގެންދާނެ ދުވަހެއް ކަމަށެވެ.

ކޮންޓްރޯލަރ ޖެނެރަލް އިތުރަށް ވިދާޅުވީ، މިއަހަރު ތެރޭގައި ކުރުމަށް ކަނޑައެޅި ކަންތައްތަކުގެ ތެރެއިން ގާތްގަނޑަކަށް %93 ހާސިލްވެފައިވާ ކަމަށެވެ. އަދި އިމިގްރޭޝަންގެ މަޤުސަދަކީ، ރައްޔިތުންނާއި ގުޅިގެން ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ޙިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު، އޮނަރަބަލް މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، ކޯލް ސެންޓަރުގެ ޚިދުމަތް ވެގެންދާނީ ރައްޔިތުންނަށް ދެވޭ ވަރަށް މުހިއްމު ޙިދުމަތަކަށް ކަމަށާއި، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުންނެވި ކަމުގައި ވީނަމަވެސް ރައްޔިތުންނަށް ލިބެންޖެހޭ މަޢުލޫމާތު ލިބޭވަރު ކޮށްދެއްވުމަކީ ރަނގަޅު ފެށުމެއް ކަމަށެވެ. އަދި މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ޕާސްޕޯޓުގެ ޚިދުމަތާއި އެނޫންވެސް ގިނަ ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތާއި އެއްގޮތްވާގޮތުގެ މަތީން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއިއެކު ޚިދުމަތް ލިބޭނެ ގޮތެއް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސަރުކާރުންދޭ އެންމެހާ ޚިދުމަތްތައް ލިބޭނެ ގޮތްތައް ހޯދައިދިނުމަކީ ސަރުކާރު ހިންގެވުމާއި ހަވާލުވެގެން ތިބޭ ބައެއްގެ މަސްޢޫލިއްޔަތެއް ކަމަށެވެ.

ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު އޮނަރަބަލް މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ ކޯލް ސެންޓަރަށް ޒިޔާރަތްކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ