ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

ދިވެހި ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމަށް މިނިސްޓްރީ އޮފް ޑިފެންސް އިން ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ޢެމްއެންޑީއެފް) އިން ވިދާޅުވީ، ސިފައިންގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު މިހިނގާ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ. ސިފައިންގެ ވަޒީފާއަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރި މިއީ ދެވަނަ ފަހަރެވެ.

"ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު 2019 މާރިޗު 31 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ އިތުރުކޮށްފައި. ސިފައިންގެ ވަޒީފާއަށް އެދޭ ފޯމް އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ." އެމްއެންޑީއެފް އިން ކުރެއްވި ޓްޓީޓެއްގައި ވިދާޅުވެފައިވެއެވެ.

މިފަހަރު ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ، ސިފައިންގެ މެރިންކޯރ، ސްޕެޝަލް ފޯސަސް، ފަޔަރ އެންޑް ރެސްކިޔު ސަރވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، މިލިޓަރީ ޕޮލިސް، މެޑިކަލް ސަރވިސް، މިލިޓަރީ އިންޖިނިއަރސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ އިތުރުން ސަރވިސް ކޯ އަދި ކޯސްޓްގާޑުގެ ދާއިރާއިންނެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން ހިމެނެއެވެ.

ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ފުރިހަމަވުމާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނޭއިރު، ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަރވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސްވިމިންގ އަދި އެޕްޓިޓިއުޑް) ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލޭނެކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީގެ އިތުރުން އެމްއެންޑީއެފް އޭރިއާ ކޮމާންޑުތަކުން ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އެމްއެންޑީއެފް އޭރިއާ ކޮމާންޑުތަކުގެ ތެރެއިން އެމްއެންޑީއެފް ނޮދަން އޭރިއާއިން ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހދ.ކުޅުދުއްފުށީ ޕޯސްޓާއި ޅ.ނައިފަރު ޕޯސްޓުންނެވެ. އަދި ސެންޓްރަލް އޭރިއާއިން ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް ލ.ކައްދޫ އާއި ދ.ކުޑަހުވަދޫ ޕޯސްޓުންނެވެ. މީގެ އިތުރުން ސަދަން އޭރިއާއިން ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަދަން އޭރިއާ ޏ.ފުވައްމުލަކު ޕޯސްޓާއި ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ އިތުރުން ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުންނެވެ.

ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާނީ އެމީހަކު އިންޓަވިއުއަށް ހާޟިރުވުމަށް ބޭނުންވާ އޭރިއާއެއްގެ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ މަރުކަޒުތަކަށް ކަމަށާއި، އޭރިއާތަކުގައި އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ސިފައިންގެ ވަޒީފާއަށް އެދޭ ފޯމްގައި ބަޔާންކޮށްފައި ވާއިރު، ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާއިރު ކުށުގެ ރެކޯޑް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހެއެވެ.

ވަޒީފާއަށް އެދޭ ފޯމް އަދި ކުށުގެ ރެކޯޑް ފޯމް ރަސްމީ ގަޑީގައި ޑިފެންސް މިނިސްޓްރީގެ ކައުންޓަރުންނާއި އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި 3322607، އެކްސްޓެންޝަން: 3153، 3440 ނަންބަރު ފޯނާ ގުޅުއްވައި، މަޢުލޫމާތު ސާފުކުރެއްވުން އެމްއެންޑީއެފް އިން އެދިލައްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ