މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ވެރިރަށް މާލޭގައި މިއަދުވެސް ފެންބޮޑުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، މާލެއަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން، ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ކުރަމުންދާ ކަމަށެވެ.
މިވަގުތު ފެން ހިއްކަމުން ދަނީ ވެސްޓްޕާކް ސަރަހައްދުގައި ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި އެކި މިންވަރަށް ފެންބޮޑުވެފައިވާއިރު، މިގޮތަށް ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު މާލޭގައި ފެންބޮޑުވުމަކީ މިހާރު ޢާއްމު ކަމެކެވެ.
ވިއްސާރައިގައި މާލޭގައި ފެންބޮޑުވެފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެކިވަރުގެ ގެއްލުންތަކެއް ވަނީ ލިބިފައެވެ.