ޔެލޯ އެލާޓް: އުތުރުގެ މޫސުން ވަރަށް ގޯސް، ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ

ރާއްޖޭގެ އުތުރަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.

މިއަދު ހަވީރު 04:30 އިން މިރޭ 08:30 އަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

"އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ.  ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމު ގޮތެއަގައި ގަދަވާނެ ކަމަށެވެ.

"އެންމެހާ ފަރާތަތަކުން މޫސުމަށް ސަމާލު ވުމަށް ދަންނަވަން. ޚާއްސަކޮށް އުތުރާއި މެދުތެރޭގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލު ކަމެއް ދެއްވުން އެދެން." މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ