ދިވެހިރާއްޖޭގެ މޫސުން އިތުރަށް ގޯސްވެ ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ދާދި ދެންމެ ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައި ވަނީ މިރޭ 8:30 އިން ފެށިގެން 23:30 އަށް ރ. އަތޮޅުން އދ. އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ.
މި ދުވަސް ވަރަކީ މުޅި ރާއްޖެއަށްވެސް މޫގޯސް ދުވަސްވަރެއްކަމުން މެތް އޮފީހުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުމާބެހޭ އެލާޓްތައް ނެރެމުންނެވެ.
އެގޮތުން މިއަދުވެސް ވަނީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ވައިޓް އެލާޓް ނެރެފައެވެ.
މީގެ އިތުރުން މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްކޮށް އުޅޭތީ އެމްއެންޑީއެފް އިން ވަނީ ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްވެސް ކޮށްފައެވެ.
Alert Yellow for torrential rain and thunderstorms. pic.twitter.com/wiyUT1HLc8
— Maldives Meteorology (@MetMaldives) January 5, 2021
ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެންވާކަމަށެވެ.
"ވައިޖެހޭނީ ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ބުނެފައިވެއެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވުން އެކަށީގެންވާކަމަށެވެ.




