ރާއީސް ކައުންސިލަރުންނަށް: މިހާރަށްވުރެ ފުޅާކޮށް ޞިއްޙީ ޚިދުމަތް ދޭން މަސައްކަތްކުރައްވާ

ލާމަރުކަޒީ ޤާނޫނަށް ގެނައި މުހިންމު ބަދަލުތަކުގެ ސަބަބުން، ރަށްރަށުގެ ޢާންމު ޞިއްޙީ ނިޒާމު ހަރުދަނާވެގެންދާނެ ކަމަށާ އަދި ރައްޔިތުންނަށް ދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރެއްވުމަށް ރައީސް ރާއްޖޭގެ ހުރިހާ ކައުންސިލަރުންނަށް އިލްތިމާސް ކުރައްވައިފިއެވެ. ރައިސް ޟާލިޙް މިހެން ވިދާލުވެފައިވަނީ ލ. ހިތަދޫގައި ޞިއްޙީ ޚިދުމަތް ދޭންފެށިތާ 50 އަހަރުފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު އެރަށު ސްކޫލްގައި ބޭއްވި ރަންޔޫބީލް ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. 


މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް ހަރުދަނާ ކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ލާމަރުކަޒީޤާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން، ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމުގައި، ހެލްތު ޕޯސްޓްތަކާއި ޞިއްޙީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ދައުރު ވަރަށް ބޮޑަށް ފުޅާވެގެން ހިނގައްޖެކަމަށާއި، އަދި ޞިއްޙީ ޚިދުމަތް ދިނުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޒިންމާތައް އިތުރުވެއްޖެކަމުގައި ރައީސް ހާމަކުރެއްވިއެވެ.


"ލާމަރުކަޒީ ޤާނޫނު ބުނާ ގޮތުން، ރަށްރަށުގައި އަސާސީ ޚިދުމަތްތައް ފުރިހަމައަށް ދިނުމަކީ ކައުންސިލްތަކުގެ ޒިންމާއެއް. އޭގެ ތެރޭގައި އެބަ ހިމެނޭ، ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތްތަކާއި، ޞިއްޙީ ރައްކާތެރިކަމާ ގުޅޭ އަސާސީ ޚިދުމަތްތައްވެސް. ޢާންމު ޞިއްޙަތާ ގުޅިފައި ހުރި އެހެން ޚިދުމަތްތައް، އާދެ، މަގު ކުނިކަހައި ރަށުތެރެ ސާފުކޮށް ބެލެހެއްޓުން، ރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތައިލުން، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުން، މިހުރިހާ ކަމަކީވެސް ކައުންސިލްތަކުގެ ޒިންމާތައް،" ރައީސް ޟާލިޙް ވިދާޅުވިއެވެ.


މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި ލާމަރުކަޒީ ނިޒާމަށް މި ބަދަލުތައް މިގެނައީ، ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދިނުމުގެ ސިޔާސަތުގެ ދަށުންކަމުގައެވެ. މިބަދަލުތަކާއެކު ސަރުކާރުން އެދެނީ، ބަލިވުމުގެ ކުރިން، ބަލިތަކުން ދުރުހެލިވެ ރައްކާތެރިވެވޭނެ ޢާންމު ޞިއްޙަތުގެ ރަނގަޅު ނިޒާމެއް، ރަށްރަށުގައި ޤާއިމްކުރުމަށް ކައުންސިލްތަކުން އިސްނަގައިގެން މަސައްކަތްކޮށްދިނުމަށްކަމުގައި ރައީސް ޟާލިޙް ވިދާޅުވިއެވެ.


"ރަށްރަށުގެ ޢާއްމު ޞިއްޙީ ޚިދުމަތްތެރިން، ޤަވާޢިދުން ގޭގެއަށް ޒިޔާރަތްކޮށް، ވަކިވަކި ފަރުދުންގެ ޙާލުއަހުވާލު ބަލައި، ޞިއްޙީ ގޮތުން ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމަކީ، މިހާރު އަލުން ފަށަންވެފައި އޮތް ކަމެއް. އެކަމަށް ހަރުދަނާ އިންތިޒާމެއް ހަމަޖެއްސުމަށް، ޞިއްޙީ ޚިދުމަތްދޭ އިދާރާތަކަށާއި ކައުންސިލްތަކަށް އަޅުގަނޑު އިލްތިމާސްކުރަން.” ރައީސް ޟާލިޙް ވިދާޅުވިއެވެ.


ރައީސް ޟާލިޙް އިތުރަށް ވިދާޅުވިގޮތުގައި، ޞިއްޙީ ޚިދުމަތް ލިބިގަތުމުގަޔާއި ޚިދުމަތް ދިނުމުގައި އަދި ޚިދުމަތާ ދޭތެރޭ ވެސް، މުޅިން އާ ވިސްނުންތަކެއް ގެންގުޅޭކަމަށާއި، އޭގެ އެއް ވިސްނުމަކީ ޖުމްލަ ގޮތެއްގައި ޚިދުމަތް ދެވޭނެ ނިޒާމެއް ރޭވުންކަމުގައެވެ.


"ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަކީ އެވިސްނުމުގައި ކުރާ ކަމެއް. މިއަތޮޅު ގަމުގައި ހުރި އަތޮޅު ހޮސްޕިޓަލް، ޓާޝަރީ ހޮސްޕިޓަލަކަށް ތަރައްޤީކުރުމުގެ މަސައްކަތް އެ އަންނަނީ ކުރަމުން. އޭރުން، އެމް.އާރް.އައިގެ ޚިދުމަތާއި ސީ.ޓީ ސްކޭންގެ ޚިދުމަތާއި، އެކްސްރޭގެ އިތުރުން، ބަލިބަލީގެ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތްވެސް ލިބެން ފަށާނެ.” ރައީސް ޟާލިޙް ވިދާޅުވިއެވެ.


މީގެ އިތުރުންވެސް ޚިދުމަތް ހޯދުމަށްޓަކައި ބަލިމީހާ އުފުލަންޖެހޭ ތަކުލީފުތައް ވީވަރަކުން ކުޑަކުރުމަކީ، ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއްކަމުގައި ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި މޯބައިލް ލެބޯޓެރީގެ ޚިދުމަތް ލ. އަތޮޅުގައި ތަޢާރަފްކޮށް ރަށްރަށުން ބަލިމީހުންގެ ސާމްޕަލް ނަގައިގެން، ލެބޯޓެރީ ހުންނަ ރަށަށް ގެންގޮސް، ލެބޯޓެރީގައި ތަޙުލީލުކޮށް، ބަލިމީހާއަށް އޭގެ ނަތީޖާ ފޯރުކޮށްދިނުމުގެ ޚިދުމަތް ކާމިޔާބުކަމާއެކީ ކުރިޔަށްގެންދާކަމުގައެވެ.


މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ބަލިތަކާމެދު ޢާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ