ރ. މަޑުއްވަރީ ފަޅުގައި އަޅާފައިއޮތް ޑިންގީއެއް ދިޔަވެ އަޑިއަށް ހިނގައްޖެއެވެ.
ފުލުހުން ވިދާޅުވީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރ. މަޑުއްވަރި ފަޅުގައި އަޅާފައި އޮތް ޑިންގީއެއް އިއްޔެ ހަވީރު ދިޔަވެގެން އަޑިއަށް ދާތީ އެ ޑިންގީ ސަލާމަތް ކުރުމުގައި ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރައްވާފައިވާކަމަށެވެ.
ފުލުހުން އާންމުކޮށްފައިވާ ފޮޓޯގައި ވާ ގޮތުން ޑިންގީ ވަނީ އެއްކޮށް ދިޔައަރާ އަޑިއަށް ގޮސްފައެވެ. އަދި ޑިންގީ ސަލާމަތް ކުރުމުގައި ފުލުހުންނާއި އެކު މަޑުއްވަރީގެ އަންހެނުންނާއި ފިރިހެނުންވެސް ވަނީ ހަރަކާތްތެރިވެފައެވެ. އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން ޑިންގީވަނީ ސަލާމަތްކޮށްފައެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް ވިއްސާރަވެ މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން އިއްޔެ ވަނީ އެ ސަރަހައްދު ހިމެނޭ ގޮތަށް އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. އިއްޔެ ކުރި ވިއްސާރައިގައި ބައެއްރަށްރަށުގައި ފެންބޮޑު ގެތަކަށްވެސް ވަނީ ފެންވަދެފައެވެ.