ރ. މަޑުއްވަރި

ވެކްސިންދީ ސްކޫލަށް ފޮނުވަން އިންކާރުކުރި މަޑުއްވަރީ ކުޑަކުއްޖަކު މައިންބަފައިން އަތުން ނަގައިފި

ވެކްސިންދީ ސްކޫލަށް ފޮނުވަން އިންކާރުކުރި މަޑުއްވަރީ ކުޑަކުއްޖަކު މައިންބަފައިން އަތުން ނަގާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން އެކުއްޖާގެ މައިން ބަފައިން އަތުން ނަގާފައިވަނީ މިއަދުގެ ވަގުތެއްގައިކަން ފުލުހުން ވަނީ ނޫސްބަޔާނެއް މެދުވެރިކޮށް ކަށަވަރުކޮށްދެއްވާފައެވެ.

ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ކުރި މަސައްކަތުން މައިންބަފައިން އަތުން ނަގާ، ބޮޑުދައިތައާއި ހަވާލުކޮށްފައިވަނީ އަންހެން ކުއްޖެކެވެ.

"ކުޑަކުދިން ކިޔަވަން ފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއަކަށް، ފުލުހުންގެ ހާޒިރުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ނަސޭޙަތް ޤަބޫލުނުކޮށް އެކަންކަމަށް އިންކާރުކުރި ޢާއިލާއަކަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖަކު ވަނީ 2019 ޑިސެމްބަރ 20 ވަނަ ދުވަހު ފުލުހުންގެ އެހީތެރިކަމާއިއެކު އެކުއްޖާގެ މައިންބަފައިންގެ އަތުން ކުއްޖާ ނެގުމަށްފަހު ކުއްޖާގެ ބޮޑުދައިތައަށް ޙަވާލުކޮށްފައި." ފުލުހުންގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

ވެކްސިން ދީ، ތައުލީމު ހާސިލުކުރުމަށް ސްކޫލަށް ފޮނުވުމަށް އިންކާރުކުރި އާއިލާއެއްގެ އަންހެން ކުއްޖަކު އެކުއްޖާގެ މައިންބަފައިން އަތުން ނަގައި ބޮޑުދައިތައާއި ހަވާލުކުރިއިރު، ހަމަ އެރަށުން ކުޑަކުދިންނަށް ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއެއްގެ މީހުން 2019 ޑިސެމްބަރ 19 ވަނަ ދުވަހުގައި ވެކްސިން ދިނުމަށް އެއްބަސްވުމުން، އެ އާއިލާގައި ހިމެނޭ 3 ކުޑަކުދިންނަން ވަނީ ވެކްސިން ދީފައެވެ.

މި އޮޕަރޭޝަނުގައި މިއަދު އިތުރު 2 ގެ ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މި މައްސަލައިގެ ތަޙްޤީޤު ފެށިފައިވާތީ، ތަޙްޤީޤުގެ ބޭނުމަށް މީހުން ހާޒިރުކޮށް ސުވާލު ކުރުމުގެ މަސައްކަތްވެސް ފެށިގެން ކުރިއަށްދާކަމަށް ފުލުހުން ވިދާޅުވިއެވެ.

"ރ.މަޑުއްވަރީގެ ރައްޔިތުންނާއި އެރަށުގެ ކައުންސިލާ އަދި ކައިރި ރަށްރަށުން ފުލުހުންނަށް ދެއްވަމުން ގެންދަވާ
އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު ދަންނަވަން." ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ