ފުލުހުންގެ މަޑުއްވަރީ ޚާއްޟަ އޮޕަރޭޝަނުގެ ތެރެއިން - ފޮޓޯ: ފުލުހުން

މަޑުއްވަރިން ހައްޔަރުކުރި މީހުންގެ ގެއިން ޞައްހަނޫން ކައިވެނީގެ ސެޓްފިކެޓާއި، އިލެކްޓްރޯނިކް ސާމާނު

މަޑުއްވަރިން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންގެ ގެއިން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި، ޞައްހަނޫން ކައިވެނީގެ ސެޓްފިކެޓެއް ފެނިފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަން "އައްސޭރި" އާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ހަރުކަށި ފިކުރު ފުޅާ ދާއިރާއެއްގައި ފަތުރަމުންދާކަމުގެ ތުހުމަތުގައި 2019 ޑިސެމްބަރ 18 ވަނަ ދުވަހު 3 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، މި ތިން މީހުންނަކީ 30 އަހަރާއި 34 އަހަރާއި އަދި 29 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.

"އެމީހުން ދިރިއުޅޭ ތަންތަނުން ގިނަ ޢަދަދެއްގެ އިލެކްޓްރޯނިކް އާލާތްތަކާއި އަދި ސައްޙަ ނޫންކަމަށް ބެލެވޭ ކައިވެނީގެ ސެޓްފިކެޓެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި." ފުލުހުން ވިދާޅުވިއެވެ.

މި ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އެ ތިން މީހުންނަށްވެސް 10 ދުވަހުގެ މުއްދަތު ދީފައެވެ.

ފުލުހުން އިތުރަށް ވިދާޅުޥީ، މިމަހުގެ 18 ވަނަ ދުވަހު ރ.މަޑުއްވަރީގައި ފުލުހުން ފެށި އޮޕަރޭޝަނުގައި މިހާތަނަށް 7 ގެއަކާއި 1 ދޯނި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި މިއަދު އިތުރު 2 ގެ ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މި މައްސަލައިގެ ތަޙްޤީޤު ފެށިފައިވާތީ، ތަޙްޤީޤުގެ ބޭނުމަށް މީހުން ހާޒިރުކޮށް ސުވާލު ކުރުމުގެ މަސައްކަތްވެސް ފެށިގެން ކުރިއަށްދާކަމަށް ފުލުހުން ވިދާޅުވިއެވެ.

"ރ.މަޑުއްވަރީގެ ރައްޔިތުންނާއި އެރަށުގެ ކައުންސިލާ އަދި ކައިރި ރަށްރަށުން ފުލުހުންނަށް ދެއްވަމުން ގެންދަވާ
އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު ދަންނަވަން." ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ