ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ 14:00 އާހަމައަށް ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ގުޅޭނެ ފޯނު ނަންބަރު ޓްރެފިކް ޕޮލިސް ކައުންޓަރަށް ހުށައެޅުމަށް ފުލުހުން ވިދާޅުވިއެވެ.
މިތަމްރީނު ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގައި ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން ޓެކްސީ ކުރުމުގެ ޚިދުމަތަށް އަލަށް ނުކުންނަ ޑްރައިވަރުންނަށްވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެގޮތުން ޓެކްސީ ޚިދުމަތަށް އަލަށް ނުކުންނަށް ޑްރައިވަރުން މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޓެކްސީ ސެންޓަރުތަކުގައި ނަންނޯޓު ކުރުމަށް ފުލުހުންވަނީ އެދިފައެވެ.
ޓެކްސީ ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ދަނީ ސިލްސިލާކޮށް މިފަދަ ތަމްރީނު ޕްރޮގްރާމްތައް ހިންގަމުންނެވެ. އޮގޮތުން މިއަހަރުގެ ތެރޭގައި ވަނީ ޓެކްސީ ޑްރައިވަރުންނަށާއި ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާފައެވެ.



