އެންމެ ބޮޑު ރިހިބިލިޓޭޝަން ސެންޓަރު އައްޑޫގައި އަޅަނީ

ދިވެހިރާއްޖޭގައި މިހާތަނަށް ޤާއިމުކުރާ އެންމެ ބޮޑު ރިހިބިލިޓޭޝަން ސެންޓަރު އައްޑޫ ސިޓީގައި ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ މަޖިލިސް ކެމްޕޭން ފެއްޓެވުމަށް ރޭ އައްޑޫ ސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅޫ ދައްކަވަމުން ރައީސް ޞޯލިޙް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި، އެކަމުން ސަލާމަތް ވުމަށްޓަކައި ރާއްޖޭގައި ޤާއިމުކުރާ އެންމެ ބޮޑު ޑްރަގް ރިހިބިލިޓޭޝަން ސެންޓަރު ޤާއިމު ކުރައްވާނީ އައްޑޫ ސިޓީގައި ކަމަށެވެ.

"މީގެ އިތުރުން އައްޑޫ ސިޓީއަށް ކުރިމަތުވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޑްރަގްގެ މައްސަލަ. ޑްރަގްގެ ޝިކާރައަކަށްވެފައިވާ ޒުވާނުން އަނބުރާ މުޖުތަމައަށް ގެނައުމަށް ރާއްޖޭގައި ޤާއިމުކުރާ އެންމެ ބޮޑު ޑްރަގް ރިހިބިލިޓޭޝަން ސެންޓަރު މިސިޓީ (ޢައްޑޫ ސިޓީގައި) ޤާއިމު ކުރާނަން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މި މަޝްރޫއަކީ އައްޑޫ ތަސައްވަރުގައި ހިމެނިގެން ހިންގާ މަޝްރޫއަކަށްވާއިރު، ސަރުކާރުން ވަނީ އައްޑޫގައި 5.3 ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫއެއް އައްޑޫގައި ހިންގުމަށް އިއުލާން ކޮށްފައެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، އައްޑޫ ސިޓީން 68 އިންސައްތަ ރައްޔިތުން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވޯޓް ދެއްވާފައިވާ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި އައްޑޫ ރައްޔިތުންނަށް ދެރަގޮތެއް ނުވާނެ ކަމަށެވެ.

“އައްޑޫ ތަރައްޤީ ކުރުމަށް ބޭނުންވާ ހެޔޮ ބަދަލު ގެނައުމުގައި އަޅުގަނޑު ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިރޭ ތިބޭފުޅުންނަށް އަރުވަން.” ރައީސް ޞޯލިޙް އައްޑޫ ރައްޔިތުންނާ މުޚާޠަބުކޮށް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ އައްޑޫގެ ތަސައްވަރު ހާސިލުކުރުމަށް މިހާރު ސަރުކާރުން ވަނީ 5.3 ބިލިއަން ރުފިޔާގެ މަޝްރޫއެއް އެކުލަވާލާފައި. މި މެގަ މަޝްރޫއާ ގުޅިގެން މުޅި އައްޑޫ އާރާސްތުވެ އައްޑޫގެ އިނދަޖެހިފައިވާ އިޤްތިޞާދު ކޮޅަށްޖަހައި، މުޅި ޤައުމުގެ އިޤްތިޞާދުގެ އިންޖީނަކަށް އައްޑޫ ބަދަލުވެގެންދާނެ.” ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ