ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް - ފޮޓޯ: އަވަސް

ޔާމީންގެ އެކައުންޓްގައި ހުރި ފައިސާ ނަގައިދޭން ހުށައެޅި މައްސަލަ ބަލައިގެންފި

ރައީސް ޔާމީންގެ އެކައުންޓްގައި ހުރި ފައިސާ ނަގައިދޭން ހުށައެޅި މައްސަލަ ބަލައިގެންފިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމް މަނީލޯންޑަރކުރި ފައިސާއާއި އެއިން ލިބުނު ފައިދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ޕްރޮސެކިއުޓަރ ޖެނަރަލް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފައިވާކަން ހާމަކޮށްފައިވަނީ މީގެ ހަތަރުވަރަކަށް ދުވަސް ކުރިންނެވެ.

ޕީޖީއިން ކްރިމިނަލް ކޯޓަށް މައްސަލަ ހުށެހުޅުމާއި ގުޅިގެން ރައީސް ޔާމީނުގެ ވަކީލުންވަނީ އެކަމާ ދެކޮޅަށް ނޫސް ބަޔާނެއްވެސް ނެރުއްވާފައެވެ. އެގޮތުން މިނޫސްބަޔާނުގައި ވިދާޅުވީ، މައްސަލައެއްގައި ދައުވާލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި ކޯޓުން ކުރާ ޙުކުމެއްގައި ބަޔާންކުރަންޖެހޭ ކަންތައްތައް ޤާނޫނު ނަންބަރު 22/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 158 ވަނަ މާއްދާގެ (ށ) ގައި ސާފު ބަޔާންކޮށްފައިވާއިރު، “ދައުލަތަށް ނަގަންޖެހޭ ފައިސާއެއް ނުވަތަ މުދަލެއްވާނަމަ، އެ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށް ކުރާ އަމުރު” އެ ޙުކުމެއްގައި ކަނޑައެޅި ބަޔާންކޮށްފައި އޮންނަންވާނެކަމަށް އެ މާއްދާގެ 11 ވަނަ ނަންބަރުގައި ސާފު ބަހުން ބަޔާންކޮށްފައިވާކަމަށެވެ.

މީގެއިތުރުން ޔާމީނުގެ ވަކީލުން ވިދާޅުވީ، އެފަދަ އަމުރުތައް ނެރުމަށް ދައުލަތުން މަސައްކަތް ކުރަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިވަޑަގަންނަވާ އިސްތިޢުނާފު ކުރުމުގެ ޙައްޤަށް ހުރަސް އެޅުމަށް ކަމުގައި ދެކޭކަމަށެވެ.

އެމައްސަލަ ބަލައިގެންފައިވާކަން ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުންވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލައި ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.

އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކޮށްފައިވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ