ގދ.ތިނަދޫ އިސްލާމިކް ސެންޓަރ - ފޮޓޯ: މީސްމީޑިއާ

އައްޑޫގައި ބޮޑު އިސްލާމިކް ސެންޓަރެއް އަޅަނީ

ބޮޑު އިސްލާމިކް ސެންޓަރެއް އައްޑޫ ސިޓީގައި ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ މަޖިލިސް ކެމްޕޭން ފެއްޓެވުމަށް ރޭ އައްޑޫ ސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިޙް ވިދާޅުވީ، އައްޑޫ ސިޓީން 68 އިންސައްތަ ރައްޔިތުން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވޯޓް ދެއްވާފައިވާ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި އައްޑޫ ރައްޔިތުންނަށް ދެރަގޮތެއް ނުވާނެ ކަމަށެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، އައްޑޫ ތަސައްވަރު ޙާސިލުކޮށްދިނުމަށް ސަރުކާރުން އައްޑޫގައި ހިންގާ މެގަ ޕްރޮޖެކްޓުގެ ތެރެއިން އިސްލާމިކް ސެންޓަރެއް ޤާއިމް ކޮށްދެއްވާނެ ކަމަށެވެ.

"މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ އަޤީދާ ދިރުވައި، ރައްޔިތުންގެ ހިތްތަކުގައި އިސްލާމީ ރިވެތި ސިފަތައް ރައްޔިތުންގެ ހިތުގައި ދީނީ ލޯބި އިތުރުކުރުމަށް މި ސިޓީގައި އިސްލާމިކް ސެންޓަރެއްގައިވެސް ޤާއިމުކުރެވިގެންދާނެ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

އައްޑޫގައި ޤާއިމުކުރާ އިސްލާމިކް ސެންޓަރުގައި 2000 މީހުންގެ ޖާގައިގެ މިސްކިތަކާއި، ލައިބްރަރީ އަދި ކޮންފެރެންސް ވަސީލަތްތައްވެސް ހިމެނޭނެ ކަމަށް ރައީސް ޞޯލިޙް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ އައްޑޫގެ ތަސައްވަރު ހާސިލުކުރުމަށް މިހާރު ސަރުކާރުން ވަނީ 5.3 ބިލިއަން ރުފިޔާގެ މަޝްރޫއެއް އެކުލަވާލާފައި. މި މެގަ މަޝްރޫއާ ގުޅިގެން މުޅި އައްޑޫ އާރާސްތުވެ އައްޑޫގެ އިނދަޖެހިފައިވާ އިޤްތިޞާދު ކޮޅަށްޖަހައި، މުޅި ޤައުމުގެ އިޤްތިޞާދުގެ އިންޖީނަކަށް އައްޑޫ ބަދަލުވެގެންދާނެ.” ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މާލޭގެ އިތުރުން އިސްލާމިކް ސެންޓަރެއް ޤާއިމުކޮށްފައިވަނީ ގދ.ތިނަދޫގައި އެކަންޏެވެ. އައްޑޫ އިސްލާމިކް ސެންޓަރު ވެގެންދާނީ ރާއްޖޭގެ އަތޮޅު ތެރޭގައި ޤާއިމުކުރާ ދެވަނަ އިސްލާމިކް ސެންޓަރަކަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ