ބިމުގެ ގޮތުން ތަނަވަސް އައްޑޫ ސިޓީގެ ބިން ހިއްކައި، ބޮޑެތި މަގުތަކެއް ތަރައްޤީ ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ މަޖިލިސް ކެމްޕޭން ފެއްޓެވުމަށް ރޭ އައްޑޫ ސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިޙް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި 68 އިންސައްތަ ރައްޔިތުންގެ ވޯޓް ލިބިވަޑައިގެންނެވި އައްޑޫ ސިޓީގެ ތަސައްވަރު ހަޤީގަތަކަށް ހެދުމަށް 5.3 ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫއެއް އެކުލަވާލައްވާފައިވާ ކަމަށެވެ.
ރައީސް ޞޯލިޙް ވިދާޅުވީ، އެ ބިޔަ މަޝްރޫއުގެ ތެރެއިން އައްޑޫގެ މަގުތައް ތަރައްޤީކުރެވި، އައްޑޫއަށް ބިންވެސް އިތުރުކުރެވިގެންދާނެ ކަމަށެވެ.
"މި މަޝްރޫއުގައި ހިމެނޭ ކަންކަމަކީ އައްޑޫއަށް 8000 ޓުއަރިސްޓް ބެޑް އިތުރުކުރުމާއި، އައްޑޫގެ ބިން އިތުރުކުރުމާއި، ބައިނަލްއަޤްވާމީ ފެންވަރަށް އައްޑޫގެ ޕޯޓް ތަރައްޤީ ކުރުމާއި އައްޑޫގައި 17 ކިލޯމީޓަރުގެ މަގު ހެދުމާއި...." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
"މި މެގަ މަޝްރުއާ ގުޅިގެން މުޅި އައްޑޫ އާރާސްތުވެ އައްޑޫގެ އިނދަޖެހިފައިވާ އިޤްތިޞާދު ކޮޅަށްޖަހައި، މުޅި ޤައުމީ އިޤްތިޞާދުގެ އިންޖީނަކަށް އައްޑޫ ބަދަލުވެގެންދާނެ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
އައްޑޫ ތަސައްވަރު ހަޤީގަތަކަށް ހެދުމަށް ސަރުކާރުން ނިންމާފައިވާއިރު، ސަރުކާރުގެ އިޤްތިޞާދީ ވަޒީރު ވިދާޅުވެފައިވަނީ އައްޑޫ ތަޞައްވަރު ހަޤީގަތަކަށް ހެދުމަށް ބޭނުންވާ 300 މިލިއަން ޑޮލަރު މިހާރުވެސް ހަމަޖެހިފައިވާ ކަމަށެވެ.



