އާ އަހަރާއި ދިމާކޮށް ފުލުހުން އައްޑޫ ސިޓީގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި އައްޑޫ ސިޓީއިން ރާ ކައްކަން ތައްޔާރުކޮށްފައިވާ 3 ތަން ތަކެއްޗާއެކު ހޯދައި، އިތުރު މައްސަލަ ތަކުގައި 15 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ 31 ޑިސެންބަރު 2019 ވަނަ ދުވަހުގެ ހެނދުނުންފެށިގެން އައްޑޫ ސިޓީގައި ކުރިޔަށް ގެންގޮސްފައިވާ އޮޕަރޭޝަންގެ ތެރެއިން ހިތަދޫ ވަލުތެރެއާއި އަދި ފަޅުގެޔަކުން ރާ ކައްކަން ތައްޔާރުކޮށްފައިވާ 3 ތަން ތަކެއްޗާއެކު ވަނީ ހޯދާފައިވާކަމަށެވެ. އަދި ކައްކާފަހުރި 500 އެމްއެލް ގެ 12 ފުޅި ރަލާއި، 5 ލީޓަރ ގެ 1 ފުޅި ރާ ވެސް ހޯދާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރަށުތެރޭގައި އަމަންއަމާންކަން ގެއްލޭ ގޮތަށް އުޅުނު 13 މީހަކު ހައްޔަރުކޮށްފައިވާއިރު، ހިތަދޫގެ ފިހާރައަކަށް ގެއްލުންދިން 2 މީހަކުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
މި އޮޕަރޭޝަނާއި ގުޅިގެން ފުލުހުން އިތުރަށް ވިދާޅުވީ ހިތަދޫ ބަދަރު ސަރަހައްދުގައި "އައްޑޫ ފްރެންޑްސް" ގެ ފަރާތުން ހަވީރު 16:00 ގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި، ކުޑަކުދިންނަށް ޚާއްސަ ބައެއް ހަރަކާތްތައް ހިންގުމުގައި ފުލުހުންވެސް ބައިވެރިވެފައިވާކަމަށާއި އަދި ރޭގަނޑު އައްޑޫ ސިޓީގައި ބޭއްވި ޝޯވ އަށް ސެކިއުރިޓީ ފޯރުކޮށްދީފައިވާކަމަށެވެ.
ފުލުހުން ވިދާޅުވެފައިވަނީ އޯވާރލްކޮށް އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ވެސް އާންމު ހާލަތު ރަނގަޅު ކަމަށެވެ.




