ދިވެހިރާއްޖޭގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ޒިންމާ އަދާކުރަންޖެހޭ ބަޔަކީ ސިފައިންކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް (ސީޑީއެސްއެސް) އިން ހިންގި 13 ވަނަ ފިޒިކަލް އިންސްޓްރަކްޓަރ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ޒިންމާ އަދާކުރަންޖެހޭ ބަޔަކީ ސިފައިންކަން ފާހަގަ ކުރައްވައި އެކަމަނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސިފައިން ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށެވެ.

އެކަން ކުރެވޭނީ އުސޫލުތައް ހަރުދަނާ ކުރެވިގެން ކަމަށާއި މިގޮތުން، ސިފައިންގެ އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސީނިއަރ ލީޑަރޝިޕުން މިހާރު ކުރައްވަމުން ގެންދަވާކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އަދި ސިފައިންގެ ވެލްފެއަރ ކަންތައްތައް ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައިވެއެވެ.
ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާފަދައިން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމުގެ މައިބަދަ ކަމުގައިވާ ދިވެހި ސިފައިންނަކީ ސިފަވަންތަ އަޙްލާޤާއި، ޒަމާނީ ޢިލްމާއި ހުނަރު ލިބިފައިވާ، ހުޝިޔާރު ޤާބިލް ބަޔަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އަދި ދިވެހި ސިފައިންނަކީ ޤައުމަށް ކުރިމަތިވާ ކޮންމެ އުދުވާނަކުން ހުށިޔާރުކަމާއި އަދި ޤާބިލްކަމާއެކު ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދިފާޢު ކުރަން ތިބޭބައެއް ކަމަށާއި މިކަން ހާސިލުކުރެވޭނީ ސިފައިންނަކީ ދުޅަހެޔޮ އަދި ތަމްރީން ލިބިފައިވާ ޤާބިލް ބައެއްގެ ގޮތުގައި ދެމިތިބެގެން ކަމަށް ވިދާޅުވިއެވެ.