ޚަރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ފުރަތަމަ އަހަރު ދަތުރުތަކަށް 2.8 މިލިއަން ރުފިޔާ ޚަރަދުވިއިރު، ބޭރުގެ ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ލިބުނުކަމުގައި ޕޮރިން މިނިސްޓްރީން ވިދަޅުވެއްޖެއެވެ.
އެ މިނިސްޓްރީން މިކަން ހާމަކޮށްފައި ވަނީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، 2018 ނޮވެމްބަރު 17 އިން 2019 ނޮވެމްބަރު 17 އަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކާއި، ދަތުރުފުޅުތަކުގެ ޚަރަދުގެ ތަފްސީލް ހޯދުމަށް ދިވެހި ރައްޔިތަކު، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްޤުގެ ދަށުން ހުށަހެޅުއްވުމާއި ގުޅިގެން، އެމައުލޫމާތު އޭނާ އާ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ހިއްސާކުރެއްވުމަށްފަހުއެވެ.
އެމިނިސްޓްރީން ވިދަޅުވީ 2018 ނޮވެމްބަރު 17 އިން 2018 ޑިސެމްބަރު 31 އަށް މިނިސްޓަރ ޝާހިދު ރަސްމީ 2 ދަތުރުފުޅެއް ކުރައްވާފައިވާއިރު، މި ދެ ދަތުރުފުޅުގެ ޖުމްލަ ޚަރަދެއް ގޮތުގައި ހިނގާފައިވަނީ 194،590.40ރ ކަމަށެވެ. އަދި 2019 ވަނަ އަހަރު ޖެނުއަރީ 1 އިން 2019 ނޮވެމްބަރު 17 އަށް މިނިސްޓަރ ޝާހިދު ކުރެއްވި 18 ދަތުރުފުޅަކަށް ޖުމްލަ 2،646،289.14ރ ޚަރަދުވެފައިވާކަމަމުގައި އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވި 1 އަހަރު ތެރޭގައި، މިނިސްޓަރ ޝާހިދު ކުރައްވާފައިވާ ޖުމްލަ 20 ދަތުރުފުޅަކަށް ޚަރަދުވެފައިވަނީ 2،840،879.54ރ އެވެ.
ފޮރިންގ މިނިސްޓްރީން ވިދަޅުވީ މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުތަކަކީ އެކިއެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރެއްވުމަށް އެޤައުމުތަކަށް ކުރެއްވި ބައިލޭޓަރަލް ދަތުރުފުޅުތަކަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އެކި ޖަމްއިއްޔާ ޖަމާޢަތްތަކުގެ ހައި-ލެވެލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ބައެއް ޤައުމުތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުތަކެއްކަމަށެވެ.
މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖްތަމައާއި ދިވެހިރާއްޖެއާއި އޮންނަ ގުޅުން ބަދަހިވެ، ދޭދޭ ގުޅުންތައް ވަރުގަދަވެ، ބައިނަލްއަޤްވާމީ މަސްރަހުގައި ދިވެހިރާއްޖޭގެ ހައްޤު މަޤާމް ދިވެހިރައްޖެއިން މިއަދު ހޯދާފައިވާކަމުގއި އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އަދި މި ގުޅުންތަކާއިއެކު، ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި އެމުއްދަތުގެ ތެރޭގައި ހެޔޮއެދޭ ބައެއް ޤައުމުތަކުން، 3.21 ބިލިއަން ރުފިޔާ ރާއްޖެއަށް ދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް 2019 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފާހަގަކުރައްވާފައިވެއެވެ.
ހަމައެއާއިއެކު އަބޫދާބީން 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް ދިނުމަށް ނިންމާފައި އޮތް 25 މިލިއަން ޑޮލަރު، 50 މިލިއަން ޑޮލަރަށް ހިލޭ އެހީގެ ގޮތުގައި ބަދަލުކޮށްދެއްވި ވާހަކަ ފޮރިން މިނިސްޓަރ ޝާހިދު އެދުވަހުގެ އިރު އޮއްސުނު ވަގުތު ފޯނުން ގުޅުއްވައި، ދެންނެވި ވާހަކަވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެރޭ ފާހަގަކުރައްވާފައިވެއެވެ.
އެ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުޙަލާ މިނިސްޓްރީ އޮފް ފިނޭންސް އިން މިހާރު ކުރިއަށް އެބަ ގެންދަވައެވެ.
ހިޔާލު
ހުސް ރޯބުހުތާނު ދޮގު. ތިޔަ ފައިސާ ދައުލަތުގެ މާލިއްޔާއަށް ޖަމާނުކޮށް މޮރިޝަސްގެ ބޭންކްތަކުގައި ބެހެއްޓީ ތޯއްޗެ.