އިނގިރޭސި ލީގު ކަޕް (ކަރަބާއޯ ކަޕް) ގެ ސެމީ ފައިނަލުގައި ރޭ މެންޗެސްޓާރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާރ ސިޓީއިން ކާމިޔާބުކޮށްފިއެވެ.
ރޭގެ މޮޅާއެކު ޖެހިޖެހިގެން ތިންވަނަ ފައިނަލަށް ދިމުގެ އުންމީދުގައި އޮތް ސިޓީއިން މިދިޔަ ހަތަރު ލީގު ކަޕުގައި ދެފައިނަލަށް ކުޅެފައިވެއެވެ. މިދެފައިނަލްވެސް ސިޓީއިންވަނީ ކާމިޔާބުކޮށްފައެވެ. އެއީ މިދިޔަ ސީޒަންއާއި އޭގެ ކުރީގެ ސީޒަންއެވެ. މިސީޒަންގައި ލީގު ކަޕް ސިޓީއަށް މިލްކު ކުރުމުގެ ފުރުޞަތުވެސް އެބައޮތެވެ.
އޯލްޑްޓްރެފޯޑްގައި ރޭ ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގު ސިޓީއިން ކާމިޔާބުކޮށްފައިވަނީ 1-3 ގެ ނަތީޖާއަކުންނެވެ.
އުގުއޭރޯ އާއި ޖީސޫސް ބެންޗުގައި ބަހައްޓައިގެން 4-4-2 ސިސްޓަމަށް މެޗު ފެއްޓީ ސިޓީއިން ފުރަތަމަ ހާފުގައި ޔުނައިޓެޑް ޙައިރާންކޮށްލީ 3 ލަނޑާއެކުގައެވެ. ސިޓީގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނަޓްގައި ފެނިގެންދިޔައ އިރު މިލަނޑު ކާމިޔާބުކޮށްދިނީ ބަނާޑޯ ސިލްވާއެވެ. އަދި 33 ވަނަ މިނަޓްގައި މަހްރޭޒް ކާމިޔާބުކޮށްދިން ލަނޑާއެކު ސިޓީ ލީޑު ފުޅާކުރިއިރު، އޭގެ ފަސް މިނަޓްފަހުން ޕެރެއިރާގެ އަތުން ބައިކޮޅަށް ވަތް ލަނޑާއެކު ސިޓީއިން މެޗުގެ ފުރަތަމަ ހާފު ނިންމާލީ 0-3 ގެ ނަތީޖާއަކުން ކުރީގައި އޮވެއެވެ.
މިލީޑާއެކު ސިޓީއިން މެޗުގެ ދެވަނަ ހާފަށް ނުކުމެފައިވަނީ ވަރަށް ހަމަޖެހިލައިގެންނެވެ. ޔުނައިޓެޑަށް ސިޓީކޮޅަށް މާނުރައްކާތެރި ހަމާލާތަކެއް ފޮނުވާ ނުލެވުނު ނަމަވެސް ސިޓީގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގައި ފައިދާނަގައި މޭސަން ގްރީންވުޑް ދިން ބޯޅައަކުން ރަޝްފޯޑު ކާމިޔާބުކޮށްދިން ލަނޑާއެކު ޔުނައިޓެޑަށް އާ ހިތްވަރެއް ލިބިގެންދިޔައެވެ. މިލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 70 ވަނަ މިނަޓްގައެވެ.
ސިޓީ ދަނޑުގައި ކުޅެވޭ މިމެޗުގެ ދެވަނަ ލެގު އޮންނާނީ މިމަހުގެ 29 ވާ ބުދަދުވަހުގެ ރެއެވެ.
								
											


														
														
														
														
														
														