ރ. މަޑުއްވަރީން އިއްޔެ ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ދީފިއެވެ.
މި ތިން މީހުންވެސް ހައްޔަރު ކޮށްފައިވަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ރ. މަޑުއްވަރީގައި ފުލުހުންނާއި ކަމާއިބެހޭ އިދާރާތައް ގުޅިގެން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން އިއްޔެގެ ވަގުތެއްގައެވެ.
މަޑުއްވަރިން ފުލުހުން އިއްޔެ ހައްޔަރު ކޮށްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި، 26 އަހަރުގެ ފިރިހެނެއްގެ އިތުރުން 28 އަހަރުގެ ފިރިހެނެކެވެ. މި އެންމެންނަކީވެސް ދިވެހިންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މަޑުއްވަރީގައި ދީނީ ހަރުކަށި ފިކުރު ފަތުރަމުންދާކަމަށް ބުނެ 2019 ޑިސެންބަރު 18 ވަނަ ދުވަހު ފުލުހުން ވަނީ އެރަށުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. މި އޮޕަރޭޝަންގައި އެ ރަށުގެ ބައެއްގެތަށް ފާސްކޮށް ބައެއް ސާމާނު ފުލުހުން ވަނީ ހޯދާފައެވެ. ފުލުހުން ހޯދި ތަކެތީގެ ތެރޭގައި ކޯޓުން ބޭރުން ކައިވެނިކޮށްފައިވާ ސެޓްފިކެޓްތަކެއްވެސް ހިމެނެއެވެ.
އަދި މި އޮޕަރޭޝަންގައި ކުރިންވެސް އެ ރަށުން ބައެއް މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ދާދި ފަހުން ވަނީ އެރަށުގައި ދީނީ ނަޞޭހަތް ދިނުމުގެ ހަރަކާތްތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ.