ޔޫތު މިނިސްޓްރީ އިން ހާއްސަ ތިން އެވޯޑެއް ތައާރަފް ކޮށްފިއެވެ. އެއީ "ޒުވާނުންގެ އެވޯޑް" އާއި، ކުޅިވަރަށް ހާއްސަ "ސްޕޯޓްސް އެވޯޑް" އަދި "ސިވިލް ސޮސައިޓީ އެވޯޑް" އެވެ.
"ރަން އަހަރު 2019" ގެ ނަމުގައި ޔޫތު މިނިސްޓްރީ އިން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޒުވާނުންގެ އެވޯޑު ތައާރަފު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ސްޕޯޓްސް އެވޯޑު ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު ތައާރަފު ކޮށްދެއްވިއިރު ސިވިލް ސޮސައިޓީ އެވޯޑު ތައާރަފު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ
ޒުވާނުންގެ އެވޯޑަކީ ޒުވާނުންގެ އިލްމާއި، ހުނަރުވެރިކަމާއި، މަސައްކަތްތެރިކަމުގެ ތެރެއިން މުޖުތަމައުއަށްށާއި، ޒުވާނުންނަށް ފަރުދީ ގޮތުންނާއި، އަދި ޖަމާއީ ގޮތެއްގައި ކޮށްދޭ މަސައްކަތްތަކާއި ޚިދުމަތްތަކުގެ އަގު ގައުމީ ފެންވަރެއްގައި ބަލައިގަނެ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެއް ކަމަށް ޔޫތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ސްޕޯޓްސް އެވޯޑަކީ ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމަށާއި، ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ މުޖުތަމައުއެއް ބިނާ ކުރުމަށް ހިތްވަރުދިނުމަށާއި ކުޅިވަރު ކުރިއަރުވާ ފަރާތްތައް ފާހަގަކޮށް ކުޅިވަރުގެ ތަފާތު ދާއިރާތަކުން ކާމިޔާބީ ހޯދާ ފަރާތްތަކަށް ހިތްވަރުދިނުމަށް ދެވޭ އެވޯޑެއް ކަމަށްވެސް ޔޫތު މިނިސްޓްރީން ހާމަކުރައްވާފައެވެ.
މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި 3 އެވޯޑު ދެމުން ގެންދާނެކަމަށް ޔޫތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ސިވިލް ސޮސައިޓީ އެއެވޯޑަކީ ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާ ޖަމާތްތަކުން ރާއްޖޭގެ މުޖުތަމައު ބާރުވެރިކުރުވުމުގެ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، ގައުމުގެ ތަރައްގީއަށްކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށްވެސް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.
								
											

